ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގުޅުން ބަދަހިކުރުމަށް ރަޝިޔާއާ އެކު މަޝްވަރާކޮށްފި

ރާއްޖެއާ ރަޝިޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޫރީ މަޓެރީ، މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލް ކުރެއްވުމުގައި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތް ތަކާބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން ފަތުރުވެރިކަމާއި ތައުލީމާއި ވިޔަފާރިއާއި އިގްތިސީދީ ދާއިރާއިން ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ރަޝިޔާގެ ރައްޔިތުންގެ މެދުގައި އޮތްގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ، ދެ ގައުމުގެ ރައްޔިތުންނަށް ވިސާގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވުމަށް ވެވުނު އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރަޝިޔާ ސަރުކާރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ އެކަމަށްޓަކައި ރަޝިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރަޝިޔާ ސަފީރު ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.