މަރުތައް ތަހުގީގު ކުރާ ކޮމިޝަން

މަރު ކޮމިޝަންގެ އިތުރު މެންބަރަކު އިސްތިއުފާދީފި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ކޮމިޝަންގައި ހިމެނިވަޑައިގަަންނަވާ އާދަމް މުހައްމަދު އިސްތިއުފާ ދެއްވައިފި އެވެ.

އަވަސްއާ ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރްޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ކޮމިޝަންގެ މެންބަރު އާދަމް މުހައްމަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

"އާދަމް މުހައްމަދު އިސްތިއުފާދެއްވީ މިމަހުގެ އައްވަނަ ދުވަހު." ހޫދު ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދުވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ހަމަޖެއްސެވުމާއި ގުޅިގެންނެވެ.

އެހެން ކަމުން ރިޔާސީ ކޮމިޝަންގައި މިވަގުތު ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ މިސްބާހް އައްބާސް، ފަރީޝާ އަބްދުﷲ އަދި އަހްމަދު ނާޝިދެވެ.

ހޫދު މިއަދުވެސް ވިދާޅުވީ އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމުގެ މަސައްކަތް ރައީސް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދާދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެއީ މިހާރު އޮތް އިއްތިހާދު، ވެރިކަމަށް އައުމަށް ރައްޔިތުންގެ ކައިރީ އެންމެ ހަރު އަޑުންވީ ވައުދެވެ.

ނަމަވެސް ރިޔާސީ ކޮމިޝަންގެ ކުރިމަގާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.