ވިޔަފާރި

ދިރާގުން ސާއިދަށް 100000 ރުފިޔާ އާއި ފައިވްޖީ ފޯނެއް

ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑަލް ހޯދުމުން ދިރާގުން އެކަމުގެ އަގުވަޒަންކޮށް ސާއިދަށް 100،000 ރުފިޔާ އާއި ފައިވްޖީ މޯބައިލް ފޯނެއް ދީފި އެވެ.

ސައީދުއަކީ ދިރާގުގެ ބްރޭންޑް އެމްބެސެޑަރުކަން ކުރައްވަމުންދާ އެތުލީޓެކެވެ. އޭނާއަށް މަރުހަބާ ކިޔުމުގެ ގޮތުން ދިރާގުން ވަނީ ހާއްސަަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ފައިސާގެ އިނާމާއި ފޯނު ހަވާލުކޮށްފައިވަނީ މި ރަސްމިއްޔާތުގެ ތެރެއިންނެވެ. ރަސްމިއްޔާތުގައި ދިރާގުގެ މެނޭޖްމެންޓުގެ އިސް މީހުން ވަނީ ބައިވެރިވެފަ އެވެ.

ރަސްމިއްޔާތުގައި ބައިވެރިވި ދިރާގުގެ ސީނިއާ މެނޭޖާ ބްރޭންޑް އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ސައީދު ދިރާގުގެ ބްރޭންޑް އެމްބެސެޑަރުގެ މަގާމުގައި ހުރުމަކީ ކުންފުންޏަށް ލިބިދޭ ފަހުރެއް ކަމަށެވެ. ސައީދު ދިރާގުގެ ބްރޭންޑް އެމްބެސެޑަރެއްގެ މަގާމު އަދާކުރަމުންދާ މިހާރު ވަނީ ހަތަރު އަހަރުވެފަ އެވެ. މިރުޝަން ވިދާޅުވީ، ސައީދަށް އެލިބުނު ކާމިޔާބީއަކީ އޭނާ ކުރި ހިތްވަރާއި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"ސާއިދު ދިރާގުގެ ބްރޭންޑު އެމްބެސެޑަރެއްގެ މަގާމުގައި ހުރުމަކީ ދިރާގު އާއިލާއަށް ލިބޭ ފަހުރެއް، އަޅުގަނޑުމެން ފަހުރުވެރިވޭ ސާއިދު އެހޯދި ކާމިޔާބީއަށް،" މިރުޝަން ވިދާޅުވި އެވެ.

ސައުތު އޭޝިއަން ގޭމްސްގެ 35 އަހަރުވީ ތާރީހްގައި ރާއްޖެއަށް ފުރަތަމަ ރަން މެޑަލެއް ހޯދައިދިން އެތްލީޓަކީ ސާއިދް އެވެ. މި މުބާރާތުގައި ސާއިދް ވަނީ 200 މީޓަރުގެ ދުވުމުން ބުރޯންޒް މެޑަލްވެސް ހޯދައިފަ އެވެ.