ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އިޖުރާއަތުގެ ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށްޓަކައި މިއަދު ހުޅުވާލައިފި އެވެ.
އޭޖީ އޮފީހުން ބުނީ ބިލާމެދު އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައި ވަނީ ބިލުގެ ކޮމިޓީ މަރުހަލާ، މި އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ފެށުމުގެ ކުރިން، ވީހާވެސް ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދައި، އެ ޚިޔާލުތަކަށް ބިނާކޮށް، ބިލު މުރާޖައާކޮށް، އިސްލާހުކުރުމަށްޓަކާ ކަމަށެވެ.
މަދަނީ އިޖުރާއަތުގެ ބިލަކީ، މަދަނީ މައްސަލަތަކުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގާނޫނެއް ނެތުމުގެ ސަބަބުން، ދިވެހިރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމުގައި އުފެދިފައި އޮތް ހުސްކަން ފޫބައްދައި، ދިވެހިރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހައި ކޯޓުތަކުން އެ ކޯޓުތަކަށް ހުށަހެޅޭ ދައުވާތައް އަދުލުވެރިކަމާއި ހާމަކަމާއެކު ބެލުމަށް މަގުފަހިކޮށްދީ، ޚަސްމުންނާމެދު ހަމަހަމަ އުސޫލަކުން އަމަލުކުރެވޭނެ އިޖުރާއަތުތަކެއް ކަނޑައަޅައިދީ، މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދާއި އުފެދިފައިވާ ޚުސޫމާތުގެ ކުޑަ ބޮޑު މިނަށާއި، ޚަސްމުންގެ މާލީ ހާލަތަށް ރިއާޔަތްކޮށް، އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ބެލި އެ މައްސަލަ ތަކާމެދު ގޮތެއް ނިންމޭނެ އުސޫލުތަކެއް ކަނޑައަޅައިދީ، އަދި ތަހުޒީބީ މުޖުތަމައުތަކުގައި ބަލައިގަނެފައިވާ ފަދަ ލުއިފަސޭހަ އަދި ހަރުދަނާ ނިޒާމުތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ބައްޓަންކުރުމަށްޓަކައި ހުށަހަޅާފައިވާ ބިލެކެވެ.
މަދަނީ އިޖުރާއަތުގެ ބިލްގައި ހިމެނޭ މައިގަނޑު ބައިތައް
- ކޯޓަށް މައްސަލަ ހުށަހަޅާނެ ގޮތާއި، ދައުވާ ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތަކާއި އަދި މިނޫންވެސް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނެ ގޮތާއި، ދައުވާއަށް ރައްދުދެވޭނެ ގޮތްތަކާއި، ދައުވާއެއް އިސްލާޙުކުރާނެ ގޮތް ބަޔާންކުރުން.
- އެކި ބާވަތުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މުއްދަތުތަކެއް ކަނޑައެޅުން.
- ހަސްމުންނާގުޅޭ އުސޫލުތައް ކަނޑައެޅުން.
- މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައެޅުން.
- ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައާ މެދު ކޯޓުން އަމަލުކުރަންޖެހޭ ގޮތާއި، އެގޮތުން މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދާއި އުފެދިފައިވާ ޚުޞޫމާތުގެ ކުޑަބޮޑުމިނާއި މައްސަލައިގެ މުހިންމުކަމުގެ މައްޗަށް ބަލައި މައްސަލަތައް 3 ޓްރެކަކަށް ބަހާލައިގެން ކުރިއަށްގެންދާނެ އިޖުރާއަތު ކަނޑައެޅުމާއި، ވާގިއާތަކުގައި އިޚްތިލާފެއްނުވާ މައްސަލަތަކުގައި ޚާއްސަ އުސޫލަކުން މައްސަލައާމެދު ގޮތެއް ނިންމޭނެ ގޮތް ކަނޑައެޅުމާއި، ގައިރު ހާޒިރުގައި ހުކުމްކުރުމާއި ޝަރީއަތް ހިންގުމަކާ ނުލައި މައްސަލަތަކުގައި ހުކުމް ކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުން.
- މައްސަލައާގުޅޭ ލިޔުންތައް ހާމަކުރުމާއި ކިތާބީ ހެއްކާއި ޝަފަހީ ހެކި އަދި ޚަބީރުންގެ ހެކިބަސް ނެގުމާއި އެނޫން ހެކިންގެ ހެކިބަސް ނެގުމުގައި އަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން.
- ޝަރީއަތާ ގުޅިގެން ހިނގާ ޚަރަދު ޚަސްމުންގެ މެދުގައި އުފުލަންޖެހޭ ގޮތްތައް ކަނޑައެޅުން.
- ކޯޓު އަމުރަށް އެދޭނެ ގޮތާއި، ވަގުތީ އަމުރަށް އެދުމާއި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން.
- ހުކުމުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، މައްސަލަ އިސްތިއުނާފުކުރުމާއި، ޚާއްސަ ހާލަތްތަކުގައި މައްސަލަ މުރާޖައާކުރުމުގެ އުސޫލުތައް ބަޔާންކުރުން.
- ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުން.
- ރާއްޖެއިން ބޭރުގެ ކޯޓުތަކުން ކުރާ ޙުކުމްތައް ރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރެވޭނެ ހާލަތްތައް ކަނޑައެޅުން.
އޭޖީ އޮފީހުން ބުނީ ބިލާ ގުޅޭގޮތުން ހިޔާލު ހުށަހަޅުއްވަން އޭޖީ އޮފީހަށް އަންނަ ފަރާތްތަކަށް، 31 ޑިސެމްބަރު ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ފުރުސަތު އޮންނާނެ ކަމަށާ އީ-މެއިލް މެދުވެރިކޮށް ހިޔާލު ހުށަހެޅުއްވުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށެވެ.