އެމްޑީޕީ

ޕްރައިމަރީން ފުރުސަތު ލިބޭނީ އަހަރު ނިމޭއިރު ތިބޭ މެންބަރުންނަށް

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް، އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރެވޭނީ އަހަރު ފެށޭއިރު ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށް ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީން މިކަން ހާމަކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރު އޮންނަ ކައުންސިލް އިންތިހާބުގައި އެ ޕާޓީން ވާދަކުރާ ކެންޑިޑޭޓުން ހޯދުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެވޭނީ އަދި ޕްރައިމަރީގައި ވޯޓުދެވޭނީ 1 ޖެނުއަރީ 2020 ގެ ކުރިން ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ހިމެނިފައިވާ މެންބަރުންނަށް ކަމަށެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ ޕާޓީން ދަނީ ޕްރިމަރީ ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. ލޯކަލް ކައުންސިލް އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރޭނެ ޕާޓީއަކަށްވެސް ވާނީ އެމްޑީިޕީއެވެ.

އެމްޑީޕީން ޕްރަމަރީ ބާއްވާނެ ތާރީހެއް އަދި އިއުލާނުކޮށްފައި ނުވިނަމަވެސް ޕާޓީގެ ގިނަ މެންބަރުން މިހާރުވެސް ގެންދަނީ ޕްރަމައިރީގައި ވާދަކުރާނެކަން އިއުލާނުކޮށް ކެންޕެއިން ކުރަމުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. މިފަހަރުގެ ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހަކު އިންތިޚާބުކުރާނެ އެވެ. އޭގެ ތެރެއިން 372 ކައުންސިލަރުންގެ ގޮތުގައި ތިބޭނީ އަންހެނުންނެވެ.

ރަށު ކައުންސިލްތަކުން ރައީސުންގެ ގޮތުގައި 179 މީހަކު އިންތިހާބުކުރާނެ އެވެ.

އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މީހަކު އިންތިޚާބުކުރާއިރު، ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް ހިމެނޭ ގޮތުން 197 މީހަކު އަތޮޅު ކައުންސިލަރުންގެ ގޮތުގައި ތިބޭނެއެވެ.

ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދަކީ 12 އެވެ. ސިޓީ ކައުންސިލަރުންގެ ގޮތުގައި އިތުރު 24 މީހަކު އިންތިޚާބުުކުރާއިރު އެ 24 ގޮނޑިއަށްވެސް ދެ ޖިންސަށް ވާދަކުރެވޭނެ އެވެ. ސިޓީ ކައުންސިލްގެ މޭޔަރުންގެ ގޮތުގައި ތިން ބޭފުޅަކު އިންތިޚާބު ކުރާއިރު ސިޓީތަކުގައި ޖުމްލަ ތިއްބަވާނީ 39 ކައުންސިލަރުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2020 ގައި 980 މީހަކު އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.