ހަބަރު

ރައީސް ބޮރިސްއަށް: ގުޅުން ވަރުގަދަވާނެ ކަމަށް އުމްމީދުކުރަން

Dec 13, 2019

ރާއްޖެއާއި އިނގިރޭސިވިލާތާއި އޮތް ގުޅުން ކުރިޔަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުމްމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެގޮތަށް ވިދާޅުވީ، އިނގިރޭސިވިލާތުގެ އާންމު އިންތިހާބުގައި ހޯއްދެވި ކާމިޔާބީއަށް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު އަދި އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސްގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، އިނގިރޭސިވިލާތަކީ ރާއްޖެއިން އެންމެ ފުރަތަމަ ހާރިޖީ ގުޅުން ގާއިމް ކުރި ގައުމު ކަމަށާއި، 1965 ގައި ގާއިމް ކުރި އެ ގުޅުމާއެކު، ވަރަށް ގާތުން ދެ ގައުމުންވެސް މަސައްކަތް ކުރަމުން އައިސްފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް އިނގިރޭސިވިލާތާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުމްމީދު ކުރާ ކަމަށެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓް

އިނގިރޭސި ވިލާތުގެ އާންމު އިންތިހާބު އިއްޔެ ބާއްވާފައިވާއިރު، ބޮރިސްގެ ކޮންޒަވޭޓިވް ޕާޓީން ވަނީ ތާރީހީ މޮޅެއް ހޯދާފަ އެވެ. އިންތިހާބުގައި ކޮންޒަވޭޓިވް ޕާޓީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 650 ގޮނޑީގެ ތެރެއިން 364 ގޮނޑި ކާމިޔާބު ކޮށްފައެވެ. އިދިކޮޅު ލޭބާ އަށް ކާމިޔާބު ކުރެވުނީ 203 ގޮނޑިއެވެ. މީގެ އިތުރުން ސޮކޮޓިޝް ނޭޝަނަލް ޕާޓީއަށް 48 ގޮނޑި އަދި ލިބެރަލް ޑިމޮކްރެޓްސްއަށް ލިބިފައިވަނީ 11 ގޮނޑި އެވެ.