ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިނގިރޭސި ބޮޑުވަޒީރަށް ރައީސް ސޯލިހުގެ މެސެޖެއް

ކޮވިޑް-19އަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މެސެޖެއް ފޮނުއްވައިފި އެވެ.

އިނގިރޭސި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފޮނުއްވެވި މި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަފައިވެއެވެ. އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ މީގެ 11 ދުވަސްކުރިންނެވެ. އަދި ބަލީގެ ސަބަބުން އިތުރު ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު ރޭގެ ވަގުތެއްގައި ބޮޑުވަޒީރުގެ ބަލި ހާލު އިތުރަށް ގޯސްވުމުން ވަނީ އައިސީޔޫއަށް ބަދަލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މެސެޖުގައި އިނގިރޭސި ބޮޑުވަޒީރުގެ ބަލިހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވުމުގެ އިތުރުން، ކޮވިޑް-19 ހުއްޓުވުމަށް މުޅި ދުނިޔޭގައި މިހާރު ވަކިވަކި ފަރުދުންނާއި އަދި މުޖުތަމައުތައް އެކުގައި ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

ބޮޑު ވަޒީރުގެ އޮފީހުން ބުނި ގޮތުގައި، ހުން އައުމާއެކު ކޮވިޑް-19 އިގެ އަލާމާތްތައް ފެންނާތީ، ބޮރިސް ޖޯންސަން ލަންޑަން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރެގަނޑުގެ ވަގުތެއްގަ އެވެ. ނަމަވެސް، ރޭ އެމަނިކުފާނުގެ ހާލުކޮޅު އިތުރަށް ދެރަވެ، ޑޮކްޓަރުންގެ ލަފާގެ މަތީން، އައިސީޔޫއަށް ބަދަލު ކުރެވިފައިވާ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ވަނީ ބުނެފަ އެވެ.

އަދި މި ވަގުތަށް ކޮންމެހެން ބޭނުންޖެހޭ ހާލަތެއްގައި، ސަރުކާރު ހިންގުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވުމަށް ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބަށް އަންގާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. ބޮރިސް ޖޯންސަންގެ ސިއްހީ ހާލަތާގުޅޭ މައުލޫމާތު އިނގިރޭސި ރާނީ އެލިޒަބަތާ ހިއްސާ ކުރެވެމުންދާ ކަމަށް ޝާހީ ގަނޑުވަރުން ވެސް ބުނެފައިވެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަހުން، ބޮރިސް ޖޯންސަން މަސައްކަތް ކުރައްވަމުން ގެންދެވީ އެމަނިކުފާނުގެ ގެކޮޅުގައި ހުންނަވައިގެނެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ބޮރިސް ޖޯންސަންގެ ހަށިގަނޑުގައި އޮކްސިޖަން ނުހިފަހައްޓާތީ، އެމަނިކުފާނަށް ވަނީ އޮކްސިޖަން ދޭންޖެހިފަ އެވެ. އަދި ހާލުކޮޅު އިތުރަށް ގޯސްވެއްޖެނަމަ، އެމަނިކުފާނު ވެންޓިލޭޓަރަށް ލާންޖެހިދާނެކަމަށް ވެސް ބުނެފައިވެ އެވެ.

ޔޫކޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 51،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 5،300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ބޮރިސް ޖޯންސަންގެ އިތުރުން، އިނގިރޭސި ރާނީގެ ދަރިކަލުން ޕްރިންސް ޗާލްސް ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.