އަބްދުއްރަހީމް އަބްދުﷲ

އިންތިހާބުގައި އާއިލާއަށް ނުބަލާ، ހަމައެކަނި ޕީޕީއެމް-ޕީއެންސީއަށް ބަލާ: އަދުރޭ

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އާއިލާއަށް ނުބަލާ ޕީޕީއެން/ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.

އަބްދުއްރަހީމް މިކަމަށް ގޮވާލެއްވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރޭ އިދިކޮޅުން ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބޭއްވުމަށްފަހު އަރާމް ތަންމަތިތަކުގައި ނިދަން ނުތިބުމަށް ޕާޓީގެ މެންބަރުންނަށް ގޮވާލައްވާ ކަމަށެވެ. އިދިކޮޅުން މިހާރު ފަށާފައިވަނީ މަސައްކަތަކީ ހަމައެކަނި ރައީސް ޔާމީން މިނިވަން ކުރުމަށް ފަށާފައިވާ މަސައްކަތެއް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންގެ އެ ނޫން އެއްވެސް މަގްސަދެއް މިވަގުތު ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަސަރާއެކު އަޅުގަނޑު ދަންނާލަން ބޭނުންވޭ. އަރާމް ތަންމަތިތަކުގައި ނިދަން ނުތިބޭށޭ. އަޅުގަނޑުމެންގެ ޕާޓީތަކުގެ ލީޑާޝިޕް މި ތިބީ ވަރަށް ހިތްވަރާއެކު ވަރަށް ސާބިތުކަމާއެކު. އަޅުގަނޑުމެންގެ ދެވަނަ އެއްވެސް މަގްސަދެއް ނެތް، އެއީ ޝިޔާމް ކަމަށްވިޔަސް، ސުޖާއު ކަމަށްވިޔަސް، މުއިއްޒު ކަމަށްވިޔަސް، ސައީދު ކަމަށްވިޔަސް، އާދަމް ޝަރީފް ކަމަށްވިޔަސް، މުންދު ކަމަށްވިޔަސް، ގައްސާން ކަމަށްވިޔަސް، އަދި އަޅުގަނޑު ކަމަށްވިޔަސް ރައީސް ޔާމީން މިނިވަން ކުރުން ފިިޔަވާ އިތުރު އެއްވެސް މަގްސަދެއް އަޅުގަނޑުމެންގެ ނެތް. އެ މަގްސަދު ހާސިލްކުރުމަށްޓަކައި އަޅުގަނޑުމެން ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ޖެހެނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ 2020 ގެ ކައުންސިލް އިންތިހާބު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންކަމުން އެ އިންތިހާބުގައި އާއިލާއަށް ބަލައިގެން ވޯޓް ނުދިނުމަށް ގޮވާލާ ކަމަށާއި ހަމައެކަނި ބަލަންވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިކަމުގައި އަޅުގަނޑުމެންގެ ރަށްރަށުގައި ތިއްބެވި ލޮބުވެތި އަހުން އެބަޖެހޭ ވަރަށް ސާބިތުވާން. ވަރަށް ސާބިތުވާން އެބަޖެހޭ. ބައްޕައެއް، މަންމައެއް، ދަރިއެއް، ކޮއްކޮއެއް، ބޭބެއެއް ބައްލަވައިގެން ނުވާނެ. ޕީޕީއެމް/ޕީއެންސީއަށް ބައްލަވާ. އެއީ މިއަދު ގައުމުގައި ހައްގުގައި ބަހެއް ބުނަން އޮތް ހަމައެކަނި ބަޔަކީ ޕީޕީއެމް/ޕީއެންސީ," އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ހުރިހާ މެންބަރުން ވަރުގަދަ މަސައްކަތްތަކެއް ކުރުމަށް ގޮވާލާ އެކަމަށް ހިތްވަރު ދެއްވައިފަ އެވެ.

މިކަމުގައި އަޅުގަނޑުމެންގެ ރަށްރަށުގައި ތިއްބެވި ލޮބުވެތި އަހުން އެބަޖެހޭ ވަރަށް ސާބިތުވާން. ވަރަށް ސާބިތުވާން އެބަޖެހޭ. ބައްޕައެއް، މަންމައެއް، ދަރިއެއް، ކޮއްކޮއެއް، ބޭބެއެއް ބައްލަވައިގެން ނުވާނެ. ޕީޕީއެމް/ޕީއެންސީއަށް ބައްލަވާ. އެއީ މިއަދު ގައުމުގައި ހައްގުގައި ބަހެއް ބުނަން އޮތް ހަމައެކަނި ބަޔަކީ ޕީޕީއެމް/ޕީއެންސީ
އަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ލީޑަރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން ހުރިހާ ގޮނޑިތަކަށް ވާދަކުރުމަށް ނިންމާ އެކަން ވަނީ އިއުލާނުކޮށްފައެވެ. މިދިޔ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އިންތިހާބާއި ބެހޭ ކަންތައްތަކުގައި އިސްކޮށް ހުންނެވި ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅުން ވާދަކުރާ ހުރިހާ ކެންޑިޑޭޓުންވެސް ނިކުންނާނީ ޕީޕީއެމްގެ ޓިކެޓްގައި ކަމަށެވެ. އެގޮތަށް ޕީޕީއެމް/ޕީއެންސީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.