ދިވެހި އިންޑިއާގެ ގުޅުން

ރާއްޖެ-އިންޑިއާ ގުޅުން ގޯސްކުރީ އެމްޑީޕީން: އުމަރު

ދިވެހިންނާއި، އިންޑިއާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާ މައްސަލައަކީ އެމްޑީޕީން ގެންގުޅޭ ސިޔާސަތު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާއާއި ރާއްޖޭގެ ގުޅުމަށް ބުރޫއަރާ ޒާތުގެ ވާހަކަތައް ދައްކަމުންދާތީ ގިނަ ބަަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ވަގުތެއްގައެވެ. އަދި ރާއްޖެ، އިންޑިއާގެ އުނގަށް ވެއްޓިފައިވާ ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފައިވަނިކޮށެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖެ-އިންޑިއާ ގުޅުން ގޯސްކުރީ އެމްޑީޕީން ކަމަށެވެ.

"ދިވެހިންނާ، އިންޑިއާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް. ޖެހިގެން މި އުޅޭ ކަމަކީ އެމްޑީޕީން 'ގުލާބްޖާމް' ކެއުމުގެ އިތުރުން އިންޑިއާ ސަރުކާރުގެ ޖީބަށް ވެއްޓި 'ސުޕާރި' ފަރިއްކުޅުވައިގެން އިންޑިއާގެ ސިފައިން މި ރާއްޖޭގައި ބޭއްތިއްބުމުގެ ޖާގަ ދިނުން." އުމަރު ވިދާޅުވިއެވެ. "އިންޑިއާ ސިފައިން މި ގައުމުން ބާލާނަން، އިންޝާﷲ."

ރާއްޖެއަށް އިންޑިއާ ސަރުކާރުން ހަދިޔާކުރި ހެލިކޮޕްޓަރުތައް ދުއްވަން އިންޑިއާގެ ސިފައިން ތިބޭތީ އުމަރު ގެންދަވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ނިންމި ނަމަވެސް އެ ނިންމުން ތަންފީޒު ކުރެވިފައެއް ނުވެއެވެ.

ކުރީ ސަރުކާރުގެ ދުވަސްވަރު ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި ނަމަވެސް ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ބަދަހި ކުރައްވާފައެވެ.