ރެއާލް ސޮސިއެދާދު އަތުން ބާސާލޯނާ 2-2 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
ބާސާ މެޗުން އެއްވަރު ވުމުން، ވާދަވެރި ރެއާލް މެޑްރިޑަށް ވަނީ ލީގް ތާވަލުގެ އެއް ވަނަ އަށް ދާން ފުރުސަތެއް ލިބިފަ އެވެ. މިރޭ ވެލެންސިއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން، ރެއާލް އަށް ދެ ޕޮއިންޓްގެ ލީޑާކާ އެކު ކުރިއަށް އެރޭނެ އެވެ.
ބާސާ އެއްވަރުވީ ސުވާލު އުފެދުނު ގޮތަކަށެވެ. ރެއާލް ސޮސިއެދާދުގެ ޕެނަލްޓީ އޭރިއާ ތެރެއިން ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަށް ކުރި ފައުލަކާ ގުޅިގެން ބާސާ އަށް ޕެނަލްޓީ އެއް ދިނުމަށް ބާސާގެ ކުޅުންތެރިން އެޕީލް ކުރި އެވެ. އެ ހާލަތު ވީއޭއާރު މެދުވެރިކޮށް ރިވިއުކޮށް ދޭން ބާސާގެ ބެންޗުން އެޕީލް ކުރި ނަމަވެސް މެޗުގެ ރެފްރީ ނިންމީ ވީއޭރް ރިވިއު ކުރާނެ ހަލާތެއް ނެތް ކަމަށެވެ.
މެޗުގެ ފުރަތަމަ ލީޑް ސޮސިއެދާދުން ނެގީ ވީއޭއާރް މެދުވެރިކޮށް ބަލައިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ލިބުނު ޕެނަލްޓީން އެ ޓީމަށް މެޗުގެ 12 ވަނަ މިނެޓްގައި ލީޑް ނަގައިދިނީ މިކެލް އޮޔާޒަބަލް އެވެ. ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 38 ވަނަ މިނެޓްގައި އެންޓްއާން ގްރީޒްމަން އެވެ.
ބާސާއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް އެވެ. ސޮސިއެދާދު އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އެލެގްޒެންޑާ އީސާކް އެވެ.
އެތުލެޓިކޯ މެޑްރިޑް ވަނީ އެއް މަހަށް ފަހު ލީގްގައި ފުރަތަމަ މޮޅެއް ހޯދައި އަލުން ރޭހަށް އެނބުރި އައިސްފަ އެވެ. ރޭ އޮސަސޫނާ އާ ދެކޮޅަށް ކުޅުނު މެޗުގައި 2-0 އެ ޓީމު ހޯދި މޮޅަކި މިދިޔަ މަހުގެ 10 ވަނަ ދުވަހަށް ފަހު އެ ޓީމުން ލީގް ގައި ހޯދި ފުރަތަމަ މޮޅެވެ.
އެ ދޭތެރޭގައި ކުޅުނު ތިން މެޗުންވެސް އެ ޓީމަށް މޮޅެއް ހޯދިފަ އެއް ނުވެ އެވެ. ރޭ އޮސަސޫނާ އާ ދެކޮޅަށް އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ އަލްވާރޯ މޮރާޓާ އާއި ސައުލް އެވެ.