ހަބަރު

ބީއެމްއެލްގެ ބްރާންޗެެއް ވެލިދޫގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނ. ވެލިދޫގައި ބޭންކިން ބްރާންޗެއް ގާއިމް ކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މި ހިދުމަތާއެކު، ނ. އަތޮޅުގައި ބީއެމްއެލް އިން ބޭންކިން ހިދުމަތް ދޭ ތިން ބްރާންޗާއި، ތިން ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އޭޖެންޓުން މެދުވެރިކޮށް އެ ބޭންކްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ގައުމީ ބޭންކުގެ އަމާޒަކީ މިހާރު ގާއިމް ކުރެވިފައިވާ ބްރާންޗުގެ ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ. މިއާއެކު ބްރާންޗުން އެކައުންޓް ހުޅުވުމާއި، ޕާސަނަލް އަދި ބިޒްނަސް ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ހިދުމަތް ލިބިގެން ދާނެ ކަމަށް ބޭންކުން ބުނެ އެވެ.

މި ހިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ހުޅުވުނު އާ ބްރާންޗު މެދުވެރިކޮށް ވެލިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކިން ހިދުމަތް ފޯރުކޮށްދެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި މިއީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިން ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ޓިމް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 50 ސެލްފްސާވިސް ބޭންކިން ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.