ޓީސީ

ޓީސީގެ ކޯޗަކަށް ޝާޒް ހަމަޖައްސައިފި

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗަކަށް 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ހަމަޖައްސައިފި އެވެ.

ޝާޒްގެ ކޯޗް ކަމުގެ ދަށުން 19 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ މި އަހަރު އޮކްޓޯބަރު މަހު ނޭޕާލްގައި ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދާފަ އެވެ. އެއީ ރާއްޖޭގެ އުމުރުފުރާގެ ގައުމީ ޓީމަކުން ސަރަހައްދީ ލެބަލްގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

ކުލަބު ފުޓްބޯޅައަށް ޝާޒް އެނބުރި އެ އައީ ދެ އަހަރު ފަހުންނެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރީ ކުލަބަކީ ވިކްޓަރީ އެވެ. ވިކްޓަރީން 2017 ވަނަ އަހަރުގެ ސީޒަނަށް ތައްޔާރުވާން ފެށީ އޭނާގެ ކޯޗް ކަމުގަ އެވެ. އެހެންނަމަވެސް ސީޒަން ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށް ވިކްޓަރީން އޭނާ ކޯޗް ކަމުން ދުރު ކުރި އެވެ.

އޭގެ ކުރިން ޝާޒް މަސައްކަތް ކުރީ ބީޖީގަ އެވެ. ބީޖީ ރެލިގޭޓް ވީ 2016 ވަނަ އަހަރު އެވެ. އޭއެފްސީ ޕްރޯ ލައިސެންސް ހާސިލު ކޮށްފައިވާ ޝާޒް އަކީ އެފްއޭއެމްގެ ކޯޗިން ޑިޕާޓްމެންޓްގެ ހެޑްވެސް މެ އެވެ. އޭނާގެ އިސްނެގުމުގެ މަތިން އޭނާ ވަނީ ކޯޗިން ކޯހާ ދުރުގައި ތިބި ބައެއް ފަރާތްތައް ކޯޗިން އެޑިއުކޭޝަންގެ ތެރެއަށް ގެންސް ފަ އެވެ. ފުޓްބޯޅައިގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި އިސްމާއީލް އާސިފް (ކުޑަ ހީނާ) ކޯޗިން ކޯހާ ހަމައަށް ގެނައީ ޝާޒްގެ އިސްނެގުމުގެ މަތިންނެވެ.

ޓީސީގެ ކޯޗު ކަމުގައިގައި އެންމެ ފަހުން ހުރީ، މުހައްމަދު އާތިފް (އާތީ) އެވެ. ޓީސީގެ ކޯޗް ކަމުން އޭނާ އިސްތިއުފާ ދިނީ ކުލަބު ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދިނުމުގެ ސަބަބުން ކުލަބުގައި މަސައްކަތް ކުރެވޭނެ ހާލަތެއް ނެތުމުން ކަމަށް އާތީ ވަނީ ޓީސީއަށް އޭނާ ފޮނުވި ސިޓީގައި ބުނެފަ އެވެ.

ޓީސީގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރާ އާފިއު މުހައްމަދު ހަމީދު އަކީ އަންޑާ 19 ގައުމީ ޓީމުގައިވެސް ޝާޒްގެ އެސިސްޓެންޓް ކޯޗެވެ.