ހަބަރު

ޓެރަރިސްޓެއް ކަމަށް ތުހުމަތުވާ އަމީން ޝަރީއަތް ނިމެންދެން ބަންދަށް

Dec 15, 2019

ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވަމުންދިޔަ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މުހައްމަދު އަމީންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، އަމީންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އަދި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުން އެ ކޯޓުން މިއަދު ވަނީ އެގޮތަށް އަމުރުކޮށްފަ އެވެ.

އަމީންއާ ބެހޭ ގޮތުން ފުލުހުން ބުނެފައި ވަނީ އޭނާއަކީ ވަރަށް ގިނަ ދުވަސްވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވާ އެފަދަ ޖަމާއަތްތަކަށް އެހީތެރިވެދީ ވާގިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސް ފަރާތްތަކާއި ގާތްގުޅުމެއް ބާއްވާ އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަމީން އިސްކޮށް ހަރަކާތްތެރިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އުމުރުން 35 އަހަރުގެ އަމީން މިހާރު ވެސް ފުލުހުންގެ ބަންދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

އަމީންއަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން ހޯދި މީހެކެވެ. ނަމަވެސް އޭނާ ވަނީ ރާއްޖެއިން ބޭރަށް ފިލައިގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅެފައެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ރެެޑް ނޯޓިސް ނެރެގެން ލަންކާގައި ހުއްޓައެވެ. ހައްޔަރުކޮށްގެން ރާއްޖެ ގެނެސް އެފަހަރު އޭނާ ވަނީ ދޫކޮށްލާފައެވެ.

އެމެރިކާ ފަދަ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ޓެރަރިސްޓުންގެ ލިސްޓުގައިވެސް އަމީން ހިމެނެއެވެ.