ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި އަބްދުﷲ އަލިމަނިކު އާއި މުހައްމަދު ތަސްލީމްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިވެރިއަކަށް ހެކިބަސް ދިނުމަށް އަނިޔާކޮށް މަޖުބޫރު ކުރާ ކަމަށް އެ ހެކިވެރިޔާ ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންގޮސްފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ވަނީ އަލިމަނިކު އާއި ތަސްލީމްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއެއްގެ ހެކިބަސް ނަގަން އަޑުއެހުމެއް ބާއްވާފަ އެވެ.
ދައުލަތުން އެދިގެން ސިއްރު ހެކިވެރިޔާގެ ހެކިބަސް ނަގާފައިވަނީ ހެކިވެރިޔާގެ އަޑު ބަދަލުކޮށްގެން ނެވެ.
ހެކިބަސް ދެމުން ހެކިވެރިޔާ ވަނީ އޭނާއަކީ ކާކުކަން ހާމަކޮށްފަ އެވެ. ހެކިވެރިޔާ ވަނީ މައްސަލައިގައި ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ހެކިބަސް ދިނުމަށް އޭނާއަށް އަނިޔާކޮށްގެން މަޖުބޫރުކުރާ ކަމަށް މިއަދު ކޯޓުގައި ތަކުރާރުކޮށް ބުނެފަ އެވެ.
ހެކިވެރިޔާ ތަކުރާރުކޮށް އެހެން ބުނުމުން ޝަރީއަތުން ނިންމާފައިވަނީ މިއަދުގެ އަޑުއެހުން އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ.
ކްރިމިނަލް ކޯޓުގައި ހެކިވެރިޔާ އޭނާއަކީ ކާކުކަން ހާމަކުރި ނަމަވެސް ހެކިވެރިޔާގެ ސިއްރުކަން ހިފަހައްޓަން ޝަރީއަތުން ވަނީ އެދިފަ އެވެ. އަދި ދައުލަތުން ވެސް ވަނީ ނޫސްވެރިން އެ ހެކިވެރިޔާއަކީ ކާކުކަން ހާމަ ނުކުރުމަށް އެދިފަ އެވެ. ސަބަބަކީ އެ ހެކިވެރިޔާގެ ސިއްރުކަން ހިފަހައްޓަން މީގެ ކުރިން އަމުރެއް ނެރެފައިވާތީ އެވެ.
އަލިމަނިކު އާއި ތަސްލީމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
މި މައްސަލައިގައި އަލިމަނިކާއި ތަސްލީމްގެ ފަރާތުން ވަނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހާދިސާއާ ދައުވާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ ހުށަހެޅުން ހުށަހަޅާފަ އެވެ. އެގޮތުން ހަރުކަށި ފިކުރުގެ ޖަމާއަތަކަށް ތާއީދުކުރުމުގެ ތުހުމަތު އެމީހުންގެ މައްޗަށް އުފުލާފައިވާއިރު ހައްޔަރުކުރީ ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައިކަން ދެ މީހުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.