ކްރިމިނަލް ކޯޓް

މޭ ހައެއްގެ ހަމަލާގެ ޝަރީއަތް ހިންގަން އެކުލަވާލި ބެންޗު އުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މޭ ހައެއްގައި ދިން ހަމަލާއާ ގުޅިގެން ޝަރީއަތް ކުރަން އެކުލަވާލި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އުވާލައިފި އެވެ.

ބެންޗު އުވާލުމަށްފަހު އެ މައްސަލަ ބެލުން ހަވާލުކޮށްފައިވަނީ ގާޒީ ސޮފްވަތު ހަބީބުއާ އެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޝަރީއަތް ކުރަން ކްރިމިނަލް ކޯޓުން ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލި އެވެ. ނަމަވެސް ބައެއް ފަނޑިޔާރުން ވަނީ މައްސަލައިން ތަނާޒުލްވެފަ އެވެ. ތަނާޒުލްވީ ގާޒީ ހަސަން ސައީދު އާއި ގާޒީ އާދަމް މުހައްމަދު އެވެ.

މީގެ ކުރިންވެސް މި މައްސަލަ ބަލަމުން ދިޔަ ބެންޗު ވަނީ ބަދަލުވެފަ އެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލީ އެމަނިކުފާނު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށެވެ.