ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވެރިކަމުގެ ލައްޒަތަށް ބާރުތައް މުށުތެރެއަށް ނުލާނަން: ރައީސް

ވެރިކަމުގެ ލައްޒަތާއި ޖާހު މަތިކުރުމަށްޓަކައި، ބާރުތައް މުށުތެރެއަށް ލުމަކީ، ކުރައްވާނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު މިއަދު މެންދުރުފަހު ކޮރޮސްރޯޑް މޯލްޑިވްސްގައި ފެށި "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްވަރާ ބައްދަލުވުމަކީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާ، އެއްތަނަކުން އެއްފަހަރާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވާ މިފަދަ ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު ރާއްޖޭގެ ހިންގުމަށް މުހިންމު ބަދަލުތަކުގެ އަންނާނެ ކަމަށާ އެންމެ މުހިންމު އެއް ބަދަލެއްގެ ގޮތުގައި ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުމާއި ރަށަށް، އަތޮޅަށް އަދި ސިޓީއަށް ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް، ކައުންސިލްތަކަށް ދިނުން އެންމެ ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މުހިންމު އިތުރު ބަދަލެއްގެ ގޮތުގައި، އަންހެން ބޭފުޅުންނަށް މިހާރަށް ވުރެ އިތުރު ފުރުސަތުތައް ގާނޫނުގެ ދަށުން ހޯއްދަވައިދެއްވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ކައުންސިލްތަކުގެ ތިން ބައިކުޅަ އެއްބައި އަންހެން ބޭފުޅުންނަށް ޚާއްސަ ކުރެވިފައި އޮތް އޮތުމާއި ކޮންމެ ރަށެއްގައި، ތަރައްގީއަށް މަސައްކަތް ކުރުމަށް 5 އަންހެން ބޭފުޅުންގެ މައްޗަށް އެކުލެވޭ، އަންހެނުންގެ ކޮމިޓީއެއް އިންތިޚާބު ކުރެވޭގޮތަށް ގެނެވިފައިވާ ބަދަލު ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ނަތީޖާއަކީ މީހުން ދިރިއުޅޭ 179 ރަށާއި 3 ސިޓީގައި، 384 އަންހެން ބޭފުޅުން ކައުންސިލްތަކަށް އިންތިޚާބު ކުރެވިގެން ދިއުން. އަދި އަންހެނުންގެ ކޮމިޓީތަކަށް 929 އަންހެން ބޭފުޅުން އިންތިޚާބު ކުރެވިގެން ދާނެ. މި އަދަދުތަކަށް ބަލާއިރު، ދެން ބާއްވާ ލޯކަލް އިންތިޚާބާ ގުޅިގެން، ޖުމްލަ 1313 އަންހެން ބޭފުޅުން، އިންތިޚާބީ މަގާމުތަކުގައި ތިއްބަވާނެ. މިއީ، މިންތީގެ ހަމަހަމަކަމަށް މިކުރާ މަސައްކަތުގައި އިޖްތިމާއީ ގޮތުން ގެނެވުނު ވަރަށް ރަނގަޅު ބަދަލެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރަން ވާނީ އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއް ނެތި، ބާކީ ނުކޮށް، އިންސާފުވެރި ގޮތަށް ކަމަށާއި ފައިސާ ހެޔޮ ގޮތުގައި ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. އަދި ކުރިޔަށް ކައުންސިލް އިންތިހާބުގައި ރައްޔިތުން އިންތިޙާބު ކުރަން ވާނީ އެ ގާނޫނުގައިވާ ގޮތަށް އެކަން ކުރެވޭ ފަދަ ފަރާތްތައް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވާ ކަމަކީ ވެރިކަމުގެ ލައްޒަތާއި ޖާހަތުގައި ބާރުތައް މުށުތެރެއަށް ލައިގެން މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެގޮތަށް އެކަން ކުރަން ފަސޭހަވި ނަމަވެސް އެއީ ރައްޔިތުންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށާއި އެމަނިކުފާނު ސަރުކާރު ހިންގަވާއިރު ވެސް މިނިސްޓަރުނަށް ވެސް ބާރުތައް ދޫކޮށްލައިގެން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިއަދަކީ އަޅުގަނޑަށް ވަރަށް އުފާވެރި ދުވަހެއް. ވަރަށް އާދަޔާ ހިލާފް އިހުސާސްތަކެއް ކުރެވޭ ދުވަހެއް. މިއަދަކީ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ ދުވަހެއް. އަޅުގަނޑުމެން ވެރިކަމަށް އަންނަ ވީ ވައުދުތަކުގެ ތެރޭގައި ވީ އެންމެ ބޮޑު ވައުދަކީ ރާއްޖެ ތަރައްގީ ކުރާނީ ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ލާމަރުކަޒުކޮށްގެން ކަމަަށް ބުނުން. އެކަން މިއަދު ވަނީ ހާސިލް ކުރަން ބިންގާ އެޅިފައި،" ރައީސް ވިދާޅުވި އެވެ.