ހުސައިން ފިޔާޒު މޫސާ

ކަންބޮޑުވުންތަކާއެކު ފިޔާޒު، އުއްތަމަ ފަނޑިޔާރު އަރިހަށް

ޝަރުއީ ދާއިރާގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅުންހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންއާ އާދީއްތަ ދުވަހު ބައްދަލުކުރައްވައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު، އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވީ "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ" ގާނޫނުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާ ހިލާފަށް ޝަރުއީ ދާއިރާއިން ނިންމަވާފައިވާ ނިންމުންތައް ބާތިލްކޮށް ދެއްވުމަށާއި، އެ ގާނޫނު ޝަރުއީ ދާއިރާއިން ފުރިހަމައަށް ތަންފީޒުކޮށް ދެއްވަމުން ގެންދެވުމަށް ދެންނެވުމުގެ ގޮތުންނެވެ.

"މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ" ގާނޫނުގައި ދައުލަތުގެ ކޮންމެ އިދާރާއެއްގައި އިންފޮމޭޝަން އޮފިސަރަކު ހުންނަވަންޖެހޭނެ ކަމާށާއި ކޮންމެ އިދާރާއަކުން ވެސް މައުލޫމާތު ހޯދުމަށް ރައްޔިތުންނަށް ހުށަހެޅޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އަހަރީ ރިޕޯޓް ދައުލަތުގެ ކޮންމެ އިދާރާއަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނިންމަވާފައި ވަނީ، ޝަރުއީ ދާއިރާގައި ހިމެނޭ ދައުލަތުގެ ވަކިވަކި އިދާރާތަކުން މައުލޫމާތު ހޯދުމާއި ކޮންމެ އިދާރާއަކަށް އިންފޮމޭޝަން އޮފިސަރަކާއި މުރާޖައާ ކޮމިޓީއެއް އައްޔަންކުރެއްވުމުގެ ބަދަލުގައި، ޝަރުއީ ދާއިރާއިން ކަނޑައަޅާނީ އެންމެ އިންފޮމޭޝަން އޮފިސަރެއް ކަމަށާއި އަދި އެންމެ މުރާޖައާ ކޮމިޓީއެއް ކަމަށެވެ. އެގޮތުން އިންފޮމޭޝަން އޮފިސަރެއްގެ ގޮތުގައި އަދި މުރާޖައާ ކޮމިޓީގައި ހިމަނާނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންގެ ތެރެއިން ބޭފުޅުން ކަމަށް ވެސް ސުޕްރީމް ކޯޓުން އޭރު ވަނީ ނިންމަވައިފަ އެވެ.

"މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ" ގާނޫނަށް 2014 ވަނަ އަހަރު އަމަލަކުރަން ފަށާފައިވާއިރު، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރުއީ ދާއިރާއިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅުއްވާފައިވަނީ އެންމެ އަހަރީ ރިޕޯޓެކެވެ. އެއީ 2014 ވަނަ އަހަރު ޖުވެނައިލް ކޯޓުންނެވެ. އެ ރިޕޯޓު ފިޔަވައި، ޝަރުއީ ދާއިރާގެ އެހެން އެއްވެސް އިދާރާއަކުން، މިހާތަނަށް އަހަރީ ރިޕޯޓު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅުއްވާފައެއް ނުވެއެވެ.

ޝަރުއީ ދާއިރާގެ ކަންކަން ވީހާ ވެސް ދެފުށް ފެންނަ ގޮތަށް ހެދުމަށް މަސައްކަތްކުރައްވާ ކަމަށާއި ފުޅާ ދާއިރާއެއްގައި މައުލޫމާތު ރައްޔިތުންނަށް ލިބިދިނުމަށް ބާރު އަޅުއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް މިއަދު ހިތްހަމަޖެހިގެން ހިނގެއްޖެ، ޝަރުއީ ދާއިރާގެ ހާމަކަން ބޮޑު ކުރެއްވުމުގެ ވިސްނުންފުޅު މިހާރުގެ އުއްތަމަ ފަނޑިޔާރު ގެންގުޅުއްވާތީ. އެކަމުގެ ސަބަބުން ރައްޔިތުންގެ ހައްގުތައް އިތުރަށް ކަށަވަރުވެ، ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ،" ކޮމިޝަނަރު ފިޔާޒު ވިދާޅުވިއެވެ.