ދިރާގާއި، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ގުޅިގެން އެ ބޭންކްގެ ކަސްޓަމަރުންނަށް ދިރާގު ޕޭ ވޮލެޓްތަކަށް ކަސްޓަމަރުގެ ބޭންކިން ޕޯޓަލް މެދުވެރިކޮށް ފައިސާ އެޅުމުގެ ހިދުމަތް ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނީ މި ހިދުމަތް ވެގެން ދާނީ މުޅި ރާއްޖޭގައިވެސް އަލަށް ބޭންކް އަކާއި ދިރާގު ޕޭ ފަދަ އިލެކްޓްރޯނިކް ވޮލެޓެއް އިތުރު އެޕްލިކޭޝަނެއް ނުވަތަ ޕޭމަންޓް ގޭޓްވޭއެއް މެދުވެރި ނުކޮށް ކޭޝް އިން ކުރެވޭނެ ގޮތުގެ އިންތިޒާމެއް ގާއިމުކޮށްދިން ފުރަތަމަ ފަހަރަށް ކަމަށެވެ.
މި ހިދުމަތާ ގުލޭ ގޮތުން ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވިގޮތުގައި މި ތައާރަފު ކުރެވުނު ހިދުމަތުގެ ސަބަބުން ދިރާގުޕޭގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށެވެ. އަދި މިއީ ކޮމާޝަލް ބޭންކް ފަދަ މާލީ މުވައްސަސާ ތަކާ އެކު ދިރާގުން އޮންނަ ގުޅުން ބަދަހިކޮށް މުސްތަޤްބަލުގައި 'ކޭޝްލެސް' މުޖުތަމައެއް ބިނާ ކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވި އެވެ.
ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެ ބޭންކްގެ ސީއީއޯ އަދި އެމްޑީ ދިލަން ރާޖަޕަކްސަ ވިދާޅުވީ މި ޕާޓްނާޝިޕަކީ އެ ބޭންކަށް ޒަމާނީ ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި ހާސިލް ކުރެވުނު ލަނޑުދަނޑިއެއް ކަމަށެވެ.
ދިރާގުޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 230 މާޗެންޓުން ފޯރުކޮށްދެ އެވެ. އަދި މި ފަދަ މާޗެންޓް ތަކުން ދިރާގުޕޭ ގެ ކަސްޓަމަރުންނަށް މި ހިދުމަތް ބޭނުން ކުރައްވައިގެން ކުރައްވާ ވިޔަފާރި ތަކަށް %10 އާއި %50 އާއި ދެމެދުގެ ޑިސްކައުންޓު ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.
ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތައާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއާ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ އެވެ.
އަމާޒަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުން ކަމަށް ދިރާގުން ބުނެ އެވެ.