ދިވެހި ޕްރެމިއާ ލީގް

ޓީސީވެސް އެނބުރި އައީ މޮޅަކުން

ޝާޒްލީ މުހައްމަދު (ޝާޒް) ކޯޗަކަށް ހަމަޖައްސައިގެން ޓީސީން ކުޅުނު ފުރަަތަމަ މެޗް، ފ. ނިލަންދޫގެ މައްޗަށް 4-0 ގެ ނަތީޖާއަކުން މޮޅުވެ ޓީސީވެސް ލީގް އަލުން ފަށައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީސީ، ބަދަލު ވެފައި ވަނީ ކޯޗް އެކަންޏެއް ނޫންނެވެ. އެ ޓީމުގެ ހާލަތުވެސް ވަނީ ބަދަލު ވެފަ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވޭތީ ޓީމުގެ ޕްރެކްޓިހެއް ކުރިއަކަށް ނުގެންދެ އެވެ.

"މެނޭޖުމެންޓަކުން ބޭނުމެއް ނުވޭ ކުޅުންތެރިންނަށް އެއްވެސް އެއްޗެއް ނުދީ ކުޅުންތެރިން ޕްރެކްޓިހަށް ނެރެން ޑިމާންޑް ކުރާކަށް،" ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޓީސީގެ އެސިސްޓެންޓް ކޯޗް އާފިއު މުހައްމަދު ހަމީދު ބުންޏެވެ. "އެއީ ޓީސީ އަކީ ވަރަށް ކުޅުންތެރިންނަށް ބަލާ ޓީމެއް، އެހެންވެ މެޗު ކުޅެދޭން ކުޅުންތެރިން ތިބީ."

ކުޅުންތެރިން ދަނޑަށް އައިސް ނިލަންދޫ އާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ހާފަުގައި ތިން ލަނޑު ކާމިޔާބު ކުރި އެވެ. ފުރަތަމަ ލަނޑު އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބު ކުރީ މެޗުގެ 11 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު އިސްމާއީލް އީސާ ކާމިޔާބު ކުރީ 33 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފު ނިމެން މަދު މިނެޓް ކޮޅަކަށް ވެފައި ވަނިކޮށް އީސަ ވަނީ ޓީސީގެ ތިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ދެ ވަނަ ހާފަށް ކުޅެން ނުކުމެ ތިން ވަނަ މިނެޓްގައި ސައްޓު ޓީސީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރި އެވެ. ހެޓްރިކެއް ހަދަން އީސަ އަށާއި އިޝާން އަށް ބޭނުންވެފައި އޮތީ އެންމެ ލަނޑެކެވެ. ލަނޑު ޖަހާނެ ފުރުސަތުތައް އޭގެފަހުންވެސް ތަނަވަސް ކުރެވުނު ނަމަވެސް ގޯލަކަށް ހަދާލެވޭ ގޮތެއް ނުވި އެވެ.

ޝާޒް ކޯޗަކަށް ހަމަޖެއްސި ނަމަވެސް ޓީސީން ތިބީ މި ސީޒަންގެ ލީގުން ދެން އަތް ދޫކޮށްލައިގެންނެވެ. އެހެންވެ ލީގްގައި މިހާރު ވަކި ޓާގެޓެއް ނެތެވެ. އެ ޓީމުން ތައްޔާރު ވަމުން ދަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމަށެވެ. އާފިއު ބުނީ ޖެނުއަރީ ޓްރާންސްފާ ޕީރިއަޑްގައިވެސް ކުޅުންތެރިން ގެންނާނީ އޭއެފްސީ ކަޕަށް ތައްޔާރު ވުމަށް ކަމަށެވެ.

ގާތްގަނޑަކަށް 35 އަހަރަށް ފަހު މި އަހަރު ރާއްޖޭގެ ކުލަބުތަކަށް ވަނީ އޭއެފްސީ ކަޕްގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިފަ އެވެ. އެއީ ކުލަބު ލައިސެންސްގެ ކަންކަން މި އަހަރުގެ އޭފްސީ ކަޕަށް ކުލަބުތަކުން ފުރިހަމަ ކޮށްފައި ނުވުމުންނެވެ. އެކަން ނުކުރުމުންވެސް ކުލަބުތަކަށް ޕެނަލްޓީއެއް ނުލިބުނެވެ. މިދިޔަ އަހަރު ލީގް ޗެމްޕިއަންކަން ހޯދި ޓީމުގެ ހައިސިއްޔަތުން އަންނަ އަހަރު އޭއެފްސީ ކަޕްގެ ސީދާ ޖާގަ ލިބުނީ ޓީސީ އަށެވެ. ލިގްގެ ދެ ވަނަ މާޒިޔާ އޭއެފްސީ ކަޕް ދަތުރު ފަށާނީ ކޮލިފައިން ބުރުންނެވެ.