ހަރުކަށި ފިކުރަށް ޖާގަ ދިނުމުގައި ގައުމީ ދިފާއީ ބާރު އޮތީ ދޫދޭ ގޮތަށް ނޫން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
ޝަމާލް މިހެން ވިދާޅުވީ "ވިޔަވަތި ރާއްޖެ" ކޮންފަރެސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޗީފް އޮފް ޑިފެންސް ވިދާޅުވީ ހަރުކަށި ފިކުރު ގެންގުޅޭ އެއްވެސް މީހަކަށް ގައުމީ ދިފާއީ ބާރުން ފުރުސަތު ނުދޭނެ ކަމަށާ އަދި ހަރުކަށި ފިިކުރަށް ޖާގަ ދީގެން އެ މުއައްސަސާ ނުވެސް އޮންނާނެ ކަމަށެވެ.
ރައީސް ސޯލިހްގެ ސަރުކާރުން ޓެރަރިޒަމާއި، ހައްދުފަހަނަ އެޅުމާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކޮށްފައިވާ ކަމަށާ ގާނޫނަށް ބަދަލު ގެނެސް، ހަރުކަށި ކަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ ހައްދުފަހަނަ އެޅުމާއި ދެކޮޅަށް މިހާރުން މިހާރަށް މަސައްކަތް ފަށަންޖެހޭ ކަމަށާ އެ މަސައްކަތް މިއަދު ނުކޮށްފިނަމަ ދެން މި ގައުމު އަތުނުވާނެ ކަމަށެވެ. އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫންކަން ފާހަގަކުރައްވާ ޝަމާލް ވިދާޅުވީ ހަރުކަށި ކަމަށް ދިފާއީ ބާރުން ދޫ ނުދޭނެ ކަމަށެވެ.
"މިކަމަށް މިހާރު ވަރުގަދަ މަސައްކަތްތަކެއް ނުކުރެވުނިއްޔާ، މުސްތަގްބަލުގައި އަޅުގަނޑުމެންނަކަށް މި ގައުމެއް އަތެއްނުވާނެ، އެހެން ގޮތަކަށް ދަންނަވަނިއްޔާ ރާއްޖޭގައި މި އޮތް ސުލްހަ މަސަލަސްކަމާ އަމާންކަމާއި އޮމާންކަމާއި ސަލާމަތްތެރިކަން ގެއްލިގެންދާނެ ކަމާމެދު ޝައްކެއް ނެތް. އެހެންވީމަ ގައުމީ ދިފާއީ ބާރުންވެސް މި ތިބީ ދޫދޭކަށް ނޫން. މިކަން ހަމަ ވަރުގަދައަށް އެހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމުގައި ގައުމީ ދިފާއީބާރުންވެސް މި ތިބީ." ޝަމާލް ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ މުއައްސަސާތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި މެދު މިހާރުވެސް މަޝްވަރާކުރަމުން ގެންދާ ކަމަށެވެ.