ހަބަރު

"ދިވެހިންގެ އުންމީދީ ޕާޓީ" އުފައްދަން ހުއްދަ ދީފި

Dec 17, 2019

"ދިވެހިންގެ އުންމީދީ ޕާޓީ" ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުއްދަ ދީފި އެވެ.

އީސީ އިން ބުނީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދީފައި ވަނީ މ. ރީފްސައިޑް، މުހައްމަދު ސައީދަށް ރަސްމީކޮށް ހުއްދަ ދީފައިވާ ކަމަށެވެ. ހުއްދަ ދިން ކަމުގެ ލިޔުން މިއަދު އެ ކޮމިޝަނުން ވަނީ ސައިދުއާ ހަވާލުކޮށްފަ އެވެ.

މި މަހުގެ ޖަސްޓިސް ޕާޓީގެ ނަމުގައި ވެސް ސިޔާސީ ޕާޓީއެއް އުފައްދަން ބަޔަކު ހުށަހެޅި އެވެ. ނަމަވެސް އެ ނަން އަދާލަތު ޕާޓީއާ ވައްތަރުވުމުން އީސީން ހުއްދައެއް ނުދިނެވެ. ނަމަވެސް މިދިޔަ މަސް ތެރޭގައި "ދިވެހި އެންމެންގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހެޅުމުން އީސީން އެ ހުއްދަ ދިނެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމަށް ފަހު ތިން މަސް ތެރޭގައި މަދުވެގެން 3000 މީހުން ސޮއިކޮށްފައިވާ ފޯމާއެކު އީސީއަށް ހުށަހަޅަން ޖެހޭނެ އެވެ. އެ ހުށަހެޅުމުން އީސީން ފޯމްތައް ކަށަވަރު ކުރުމަށް ފަހު އެނގުމުން ޕާޓީގެ އިފްތިތާހީ ޖަލްސާ ބާއްވައި މަގާމްތަކަށް ބޭފުޅުން އައްޔަން ކުރަން ޖެހޭނެ އެވެ.