މައުމޫން ހަމީދު

މައުމޫން ހަމީދުގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް!

ބާ ކައުންސިލްގެ ރައީސް އަދި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ގުޅިގެން ދައުވާ އުފުލާފައިވާ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދުގެ ސުލޫކީ މައްސަލައެއް، ބާ ކައުންސިލަށް ހުށައަޅައިފި އެވެ.

ބާ ކައުންސިލަށް މި މައްސަލަ ހުށައަޅާފައިވަނީ ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒެވެ.

އޭނާ ބާ ކައުންސިލަށް ހުށައަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މ. ތޯއިފް އިސްމާއީލް ރަޝީދުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ޒާހިދުގެ ނަން ހިމަނާފައިވާ ކަމަށާ ނަމަވެސް އިސްމާއީލް ރަޝީދަކީ އޭނާ ދުވަހަވެސް ވާހަކަދައްކާ އަދި ބައްދަލްވެފައިވާ މީހަކަށްނުވާއިރު އޭނާގެ ނަން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވަނީ ޝަރީއަތުގައި ސިޔާސީ ކުލަ ޖައްސާ، އޭނާގެ އަބުރު ކަތިލުމަށް ކަމަށެވެ.

ޔާމީން ރަޝީދާއިި، ޒާހިދު ރަމީޒާ ގުޅުމެއް އޮތް ކަމަށް ބުނެ، އޭނާގެ އަބުރު ކަތިލަން ބަޔަކު މަސައްކަތް ކުރަމުންދާތާ އަހަރުތަކެއް ވެއްޖެ ކަމަށާ އަދި މައުމޫން ހަމީދު، ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުރެ އެފަދަ ކަމެއް ކުރުމަކީ ސުލޫކީ މައްސަލައެއް ކަމަށް ދެކޭ ކަމަށް ވަނީ ބުނެފައެވެ. އަދި މައުމޫން ހަމީދު ގާނޫނީ ފަންނުގެ ގާނޫނުގެ 39 ވަނަ މާއްދާގެ ބ އާއި 42 ވަނަ މާއްދާގެ ހ އާއި ޚިލާފުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެހެން ކަމުން އެ މައްސަލަ ބަލާ، މައުމޫން ހަމީދާމެދު ފިޔަވަޅު އެޅުމަށް ވަނީ އެ ސިޓީގައި އެދިފައެވެ.

ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ ޒާހިދު ކޯޓަށް ހާޒިރު ކުރުމަށް އަމުރު ނެރުމަށް އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ނިންމާފައެވެ. އެގޮތަށް ނިންމާފައިވަނީ އިސްމާއީލް ރަޝީދުގެ ވަކީލުން އެގޮތަށް އެދުމާއި ގުޅިގެންނެވެ.