ލިވަޕޫލް

ޒުވާން ޓީމާއެކު ލިވަޕޫލް ކަޓައިފި، ސީނިއާ ޓީމު ވޯލްޑްކަޕްގައި

ލީގް ކަޕްގެ ކުއާޓާ ފައިނަލުގައި އެސްޓަން ވިލާ އާ ދެކޮޅަށް ޒުވާން ޓީމާއެކު ނުކުތް ލިވަޕޫލް ކެޓިއިރު، އެ ކުލަބުގެ ސީނިއާ ޓީމު މިރޭ ކުލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ވާދަ ކުރާނެ އެވެ.

ރޭ އެސްޓަން ވިލާ އާ ދެކޮޅަށް ނެރުނީ ލިވަޕޫލްގެ 23 އަހަރުން ދަށުގެ ޓީމެވެ. އެ ޓީމުގެ އުމުރަކީ ނިސްބަތުން ބަލާއިރު 19 އަހަރާއި 182 ދުވަހެވެ. ރޭ ގެ މެޗުގައި ޓީމަށް އިރުޝާދު ދިނީވެސް ޒުވާން ޓީމުގެ ކޯޗް ނީލް ކްރިޗްލީ އެވެ.

އެސްޓަން ވިލާގެ ސީނިއާ ޓީމާ ދެކޮޅަށް ލިވަޕޫލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ބޯލް ޕޮޒެޝަންގައި 57.1 ޕަސަންޓް ކޮންޓްރޯލް ކުރީ ލިވަޕޫލްގެ ޓީމުންނެވެ. ފޮނުވާލި ޝޮޓްތަކުގައިވެސް ކުރީގައި އޮތީ ލިވަޕޫލްގެ ޒުވާން ޓީމެވެ. ލިވަޕޫލުން 15 ޝޮޓް ފޮނުވާލިރު އެސްޓަންވިލާއަށް ފޮނުވާލެވުނީ 11 ޝޮޓެވެ. އޭގެ ތެރެއިން ގޯލަށް އަމާޒު ކުރި އަށް ޝޮޓްގެ ތެރެއިން ހަތަރު ބޯޅަ އެސްޓަން ވިލާއިން ގޯލް ކާމިޔާބު ކުރި އެވެ.

އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ހަރީހޭން އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑަކީ ލިވަޕޫލްގެ ޑިފެންޑަރު މޯގަން ބޯއީސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޮނަތަން ކޯޖިއާ ވަނީ ދެ ލަނޑު ކާމިޔާބުކޮށް ނަތީޖާ 4-0 ބަދަލު ކޮށްފަ އެވެ. ވިލާގެ ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ ވެސްލީ އެވެ.

ގަތަރުގައި ކުރިއަށް ގެންދާ ކުލަބު ވޯލްޑްކަޕްގެ ސެމީ ފައިނަލު މެޗުގައި ލިވަޕޫލްގެ ސީނިއާ ޓީމު މިރޭ ނުކުންނާނީ އުތުރު އެމެރިކާގެ ޗެމްޕިއަން މެކްސިކޯގެ މޮންޓެރެއި އާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 10:30 ގަ އެވެ.

މިރޭގެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަ ކުރާނީ، ސެމީ ފައިނަލު ފުރަތަމަ މެޗުގައި ގަތަރުގެ އަލްހިލާލް ބަލިކޮށް ސެމީ ފައިނަލުގެ ޖާގަ ހޯދި ދެކުނު އެމެރިކާގެ ޗެމްޕިއަން ބްރެޒިލްގެ ފްލެމިންގޯއާ ދެކޮޅަށެވެ.