މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މިނިވަންކަމާ މެދު ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ސުވާލު އުފައްދަވައިފި އެވެ.
ބްރޯޑްކޮމްއާ ގުޅޭ ގޮތުން އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީ ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ދިޔަ ކަމަށެވެ. އެހެން ނަަމަވެސް މިހާރު ބްރޯޑްކޮމް ހިނގަނީ މިނިވަންކަމާއެކުގައިތޯ އާދަމް ޝަރީފް ސުވާލު އުފެއްދެވި އެވެ.
"...ބްރޯޑްކޮމް މިހާރު ހިނގަނީ މިނިވަންކަމާއެކުތަ؟ ބްރޯޑްކޮމްއަށް މި ސަރުކާރުގެ ނުފޫޒެއް ނުވަދޭތަ؟" އާދަމް ޝަރީފް ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވި އިރު، ފަތުރުވެރިކަމުގެ ދާއިރާއިން އެއް އަހަރު ތެރޭގައި މި ސަރުކާރަށް ހާސިލް ކުރެވުނު ކަންކަން ފާހަގަ ކުރުމުގެ ގޮތުން ރޭ ސަރުކާރުން ބޭއްވި ހަފްލާއެއް ހުށަހަޅާ ދެއްވީ ބްރޯޑްކޮމްގެ މިހާރުގެ ރައީސް މަރްޔަމް ވަހީދާ އެވެ. ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޓާ އަދި ފަހަކަށް އައިސް ގިނަ ހަފްލާތައް ހުށަހަޅުއްވާ ދެއްވާ މަރީ މިނިވަން މުއައްސަސާއަކަށް އައްޔަން ވުމަށް ފަހު ވެސް ސަރުކާރުގެ އިވެންޓުތައް ހުށަހެޅުއްވުމުން އެކަމާ ގުޅިގެން އެމްޑީޕީ އާއި ސަރުކާރުގެ އެއްވެސް ފަރާތަކުން ފާޑު ކިޔާފައެއް ނުވެ އެވެ.
އެހެން ނަމަވެސް ކުރީ ސަރުކާރުން ބޭއްވި އިސް ރަށްވެހިންގެ ހަފްލާއެއް އިންތިޒާމް ކުރެއްވުމަށް އޭރު ބްރޯޑްކާސްޓިން ކޮމިޝަންގެ މެެންބަރެއް ކަމަށްވާ، ފާތުމަތު ޒޭނާ ބައިވެރިވުމުން އެކަމާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ކުރި އެވެ. އަދި މި ފަހުން އޭނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް އެ މައްސަލާގައި ސުވާލު ކުރި އެވެ. އަދި ޒޭނާ ބްރޯޑްކޮމްގެ މެންބަރު ކަމުން ވަކި ކުރީ ވެސް އޭރުގެ ސަރުކާރަށް ތާއީދު ކުރުން ފަދަ މައްސަލަތަކާ ހެދި އެވެ.