ހިޔާ ފްލެޓް ތަކުގެ މަސައްކަތް ނިންމަން ހަވާލުކުރި ބައެއް ކުންފުނިތަކުން ޖުމްލަ ހަ މިލިއަނަށް ވުރެ ގިނަ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ. ހިޔާ ފްލެޓް ތަކުގެ މަސައްކަތް ނިންމަން ހަވާލުކުރި ބައެއް ކުންފުނިތަކުން އޮޅުވާލުމުގެ ސަބަބުން ހިޔާ ފްލެޓްތަކުގެ ވެރިންނަށް ލިބިފައިވާ ގެއްލުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެ ކޯލިޝަނުން މިއަދު ވަނީ ކުއްލި މައްސަލައެއް ހުށައަޅާފައެވެ.
ނަމަވެސް އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. އެހެން ކަމުން އެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މަޖިލީހުގައި އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވާފައެވެ.
ނޫސްވެރިންގެ ބައްދަލްވުމުގައި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ހިޔާ ފްލެޓްތައް ނިންމަން ހަވާލުކުރި ބައެއް ކުންފުނިތަކުން ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. ފްލެޓް ލިބުނު މީހުން އެ މީހުންގެ ފްލެޓްތައް ނިންމަން ކުންފުނިތަކާ ހަވާލުކުރީ ދަރަނިވެރިވެގެން ފައިސާ އާއި ތަކެތި ހޯދައިގެން ކަމަށާ ނަމަވެސް ކުންފުނިތަކުން މަސައްކަތް ނުނިންމުން ފްލެޓް ލިބުނު މީހުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ މި މައްސަލަ މަޖިލީހަށް ހުށައަޅާ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް މަސައްކަތް ކުރެއްވީ ވަރަށް ރަނގަޅަށް މި މައްސަލަ ދިރާސާ ކުރުމަށް ފަހު ކަމަށެވެ. މިހާތަނަށް ހޯދުނު މައުލޫމާތުތަކުން ހިޔާ ފްލެޓްތަކުގެ ވެރީންގެ އަތުން ބައެއް ކުންފުނިތަކުން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާ ފްލެޓް ނުނިންމާ "ފިލާ" ފައިވާ ކަމަށެވެ.
މިއަދުވެސް 70 އަށް ވުރެ ގިނަ އާއިލާ ތިބީ ކުންފުނިތަކަށް ދިން ފައިސާ ލިބޭނެ ގޮތެއް ނެތި ވަރަށް ދަތި ހާލުގައި ކަމަށް ވިދާޅުވިއެވެ. އަދި ފްލެޓް ނިންމާ ދޭނެ ކަމަށް ބުނެ ބޮޑެތި އަދަދުތަކުން ފައިސާ ނެގި ކުންފުނިތަކަށް ގުޅޭނެ ގޮތެއްވެސް ނެތް ކަމަށް ވިދާޅުވިއެވެ.
"މީގެތެރޭގައި ގިނައީ އެއްވެސް ވަރަކަށް ޖަވާބުދާރީނުވާ ކުންފުނިތައް އަދި އެ ކުންފުނިތަކުން އޮޅުވާލުމުގެ ތެރެއިން އެހެން ކުންފުނިތަކަށް މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތައް،"
އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިފަދަ މައްސަލައެއް ބޭރުކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. ރައްޔިތުންނާއި މިހާ ގުޅުން ބޮޑު މައްސަލައެއް މަޖިލީހުން ބޭރުކޮށްލީ މި ހިޔާނާތުގައި މަޖިލީސް މެންބަރުންގެ ތެރެއިން ކޮންމެވެސް ބައެއްގެ ބައިވެރިވުން އޮތުމުން ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. އަދި މިއީ ސަރުކާރާއި އެޗްޑީސީން ސީރިއަސްކޮށް ބަލަން ޖެހޭ ކަންކަން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވަނީ ހިޔާގެ ކުލި ކުޑަކޮށްދޭންވެސް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ހިޔާގެ ކުލި ކުޑަކޮށްދޭން ޖެހޭ ކަމަށާ ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ކުއްޔަށް ދެވޭނެ "ހަމަ އަގު" ކަނޑައަޅާފައިވާ ކަމަށެވެ. އެ އަގަށް ވުރެ ފްލެޓްތަކުގެ ކުލި ބޮޑުވެގެން ނުވާނެ ކަމަށެވެ.
އެއީ މެއިންޓަނަންްސް ފީ އާއެކު 6،500 ރުފިޔާ އެވެ.
މީގެ އިތުރުން ހިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް ދައްކަން ޖެހޭ ފަައިސާ ނުދެއްކުމަށް ބާރުއަޅާ އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަރުގަދަ އިންޒާރެއްދީ ބަޔާނެއް ނެރެފައިވާތީ އެކަން ކުށްވެރި ކުރެއްވިއެވެ. ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކަމަށެވެ. އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ މަންފާ ހޯދުމަށް ރިޔާސީ އިންތިހަބާ ދިމާކޮށް މި ސަރުކާރުން ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމާނެ ކަމަށާ ނަމަވެސް އެއީ އިހްލާސްތެރި ނިންމުމަކަށް ނުވާނެ ކަމަށެވެ. އެހެން ކަމުން މިހާރުން މިހާރަށް ހިޔާގެ ކުލި ކުޑަކޮށްދޭން ގޮވާލެއްވިއެވެ. އަދި ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި ހިޔާގެ ކުލި ކުޑަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
"އަޅުގަނޑުމެންނަށް އެނގޭ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވުމުން ކުލި ކުޑަކޮށްދޭނެ ކަންވެސް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން ސަރުކާރުން އެންމެ ފުރަތަމަ ދިން މުއްދަތު ހަމަވީ މިދިޔަ ޑިސެމްބަރުގަ އެވެ. ނަމަވެސް އެ މުއްދަތުގައި ގިނަ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިމިފައި ނުވާތީ މިދިޔަ މާޗް މަހުގެ ނިޔަލަށް ވެސް ސަރުކާރުން މުއްދަތު އިތުރުކޮށްދިނެވެ. އެކަމަކު އަދިވެސް ބައެއް ފްލެޓްތަކުގެ މަސައްކަތް ނިމިފައެއް ނުވެ އެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނުނިންމާ ހަވާލުކުރުމުން ފްލެޓްތަކަށް ކުލި ދެއްކުން ސަރުކާރުން ވަނީ މިދިޔަ މާޗް މަހުގެ ނިޔަލަށް ފަސްވެސް ކޮށްދީފަ އެވެ.
ހިޔާ ފްލެޓަށް ކުލީގެ ގޮތުގައި ދައްކަންޖެހެނީ މަހަކު 8،500 ރުފިޔާ އެވެ. އެއީ ކުލީގެ ގޮތުގައި 7،500 ރުފިޔާ އާއި މެއިންޓަނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ އެވެ.