ފުލުހުން ބޭނުން ކޮށްގެން އިދިކޮޅުގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
މެންބަރު އާދަމް ޝަރީފްގެ ފާޑުވިދާޅުވުން މި ފަހަރު ސަރުކާރަށް އަމާޒު ކުރެއްވީ ހިޔާ ފްލެޓް ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގެ ތައްޔާރީތައް ފެށުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް އެ މަސައްކަތް ހުއްޓުވުމާއި ގުޅިގެންނެވެ.
މައްސަލަ ގޯސްވީ ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެޗްޑީސީގެ ހުއްދަ ނުހޯދާ ޖަލްސާ ބާއްވަން މަސައްކަތް ކުރަމުންދާތީ އެވެ.
އާދަމް ޝަރީފް ވިދާޅުވީ ހުކުރު ދުވަހުގެ ރޭގެ ޖަލްސާއަކީ ސުލްހަވެރި އެއްވުމެއް ކަމަށާ އެ ޖަލްސާ ބޭއްވުމުގެ ފުރުސަރު ދެއްވަން ޖެހޭ ކަމަަށެވެ. އަދި ތަހުޒީބު ގޮތަކީ އެއީ ކަމަށް ވިދާޅުވިއެވެ.
އަދި އެޗްޑީސީގެ ޑިސްޕިއުޓްއަކާއި ހެދި ޖަލްސާ ބޭއްވުމަށް ހުރަސް އެޅުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަަށެވެ. އާދަމް ޝަރީފް ވިދާޅުވީ ފުލުހުން ބޭނުންކޮށްގެން އިދިކޮޅުގެ އަޑު ކަނޑުވާނުލެވޭނެ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ޖަލްސާ ބާއްވަން މަސައްކަތް ކުރަމުން ދަނީ ހިޔާ ޓަވަރުތަކުގެ މެދުގައިވާ ހުސް ބިމުގައެވެ. ނަމަވެސް އެޗްޑީސީގެ ހުއްދަ ނުހޯދާ މަސައްކަތް ފެށުމުން އެޗްޑީސީން ވަނީ އެކަމަށް ހުރަސް އެޅުމުގެ ގޮތުން ގިނަ ވެހިކަލްތަކެއް އެ ބިމަށް ޖަމާކޮށްފައެވެ.
އޭގެ ފަހުން ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެ މަސައްކަތް ހުއްޓުވާފައެވެ. ރޭ މެންދަމާ ހަމައަށް ފުލުހުންގެ ބޮޑު ފައުޖެެއް އެތާ އޮތެވެ. ޖަލްސާއަށް ތައްޔާކުރަން ފެށި ސަރަހައްދަށް ނުވަދެވޭ ގޮތަށް އެ ސަރަހައްދު ބަންދުވެސް ކުރިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ޖަލްސާގެ ތައްޔާރީ ފެށީ މާލެ ސިޓީ ކައުންސިލްގެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި ޖަލްސާއަށް އެޗްޑީސީގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާ އެ ހުއްދައަށް ނުވެސް އެދޭނެ ކަމަށެވެ. އެޗްޑީސީން ބުނީ ހުޅުމާލޭގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެކަމަށް އެ ކޯޕަރޭޝަންގައި ރަސްމީކޮށް އެދި ހުއްދަ ލިބުމުން ކަމަށެވެ.