ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި "ހިޔާ ފްލެޓް" ބަލާލަން ބޭނުންވާތީ އެ ފުރުސަތު ދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެދިއްޖެ އެވެ.
އިދިކޮޅު ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހިޔާ ފްލެޓްތަކާ ގުޅޭގޮތުން ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އަދި ސަރުކާރުން އަމަލުކުރާ ގޮތާމެދު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
އެ ކަންބޮޑުވުންތަކާއި ގުޅިގެން ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުންގެ ޓީމަކުން ހިޔާ ފްލެޓްތައް ބަލާލަން ބޭނުންވާތީ އެ ފުރުސަތު ދިނުމަށް ވަނީ އެދިފައެވެ. އެގޮތުން އަންނަ އާދިއްްތަ ދުވަހުގެ ވަގުތެއް ހަމަޖައްސައިދިނުމަށް އަބްދުއްރަހީމްގެ ސިޓީގައި އެދިފައިވެއެވެ. އެ ސިޓީގައި ޕްރޮގްރެސިވް ކޯލިޝަނުން 30 ބޭފުޅުންގެ ޓީމެއް ހިޔާ ފްލެޓްތައް ބަލާލަން ދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 7،000 ފްލެޓް ދައްކާލަން މިފަހުން ބޭއްވި މީޑިއާ ޓުއާ އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ފްލެޓުގެ ފިނިޝިންގެ ބައެއް މަސައްކަތްތައް ނިންމަން އިތުރަށް 45 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 693 މިލިއަން ރުފިޔާ) ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ހޯދަން ކޮވިޑް-19 ގެ ކުރިން ވެސް މަސައްކަތް ކުރި ކަމަށާ، ނަމަވެސް ފައިސާ ލިބުން ލަސްވުމުން ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނުނިމުނު ނަމަވެސް ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.
ފްލެޓުގެ މަސައްކަތް ކުރަމުން ގެންދަނީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިންނެވެ. ޗައިނާ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ، އެޕާޓްމަންޓެއް 62،000 ޑޮލަރު (954,800 ރުފިޔާ) ގެ ރޭޓުން 434 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.6 ބިލިއަން ރުފިޔާ) އަށެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެއެވެ.