ވިޔަފާރި

ބީއެމްއެލްގެ އެހީއާއެކު ކިހާދޫގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި

Dec 19, 2019

ބޭންކް އޮފް މޯލްޑިވްސްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ އެހީއާއެކު ބ. ކިހާދޫގައި ކުޑަކުދިންގެ ޕާކެއް އިއްޔެ ހުޅުވައިފި އެވެ.

މިއީ ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކުއާޓާގައި ހޮވުނު ފަސް ޕްރޮޖެކްޓްގެ ތެރެއިން އެއް ޕްރޮޖެކްޓެވެ. އެ ގޮތުން ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން އެ ބޭންކުން ވަނީ ކިހާދޫ ކުޑަކުދިންގެ ޕާކްގައި ކުދިން ކުޅޭ ސަމާނާއި ޕާކުގަައި ހަރުކުރަން ސެލްފް ސޯލާ ލައިޓް ހަދިޔާ ކޮށްފަ އެވެ.

ކިހާދޫގައި ތަރައްގީ ކުރި ކުޑަކުދިންގެ އެ ޕާކަކީ އެ ރަށުގެ ކުޑަކުދިން ހެލިފެލިވެ އުޅުމަށާއި ކުޑަކުދިންނާ ގުޅޭ އެކިއެކި ހަރަކާތްތައް ހިންގަން ކީހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީއާއެކު އެ ރަށުގެ ކައުންސިލުން އިސްނަގައިގެން ހަދަން މަސައްކަތް ކުރި ތަނެކެވެ. އެކަމަކު އެކަށީގެންވާ ފަންޑެއް ނެތުމުން އެ ތަން ނުހުޅުވި ގިނަ ދުވަސްތަކެއް ވެގެން ދިޔަ އެވެ.

"މާލީ ދަތިތަކާއެކު ޕާކް ހުޅުވަން ބޭނުންވާ ފިނިޝިންގެ މަސައްކަތްތައް ނުކުރެވިފަ ތިބީ. ބީއެމްއެލްގެ އެހީތެރިކަމާއެކު އަޅުގަނޑުމެންނަށް މި ޕާކް ހުޅުވޭ ހިސާބަށް މި ދެވުނީ. ރަށުގެ ކުދިންގެ ދުޅަހެޔޮކަމާ ގުޅިފައިވާ ވަރަށް މުހިންމު މަސައްކަތެއް ބީއެމްއެލްގެ އެހީއާ އެކު މި ނިންމާލެވުނީ." ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީގެ މެންބަރެއް ކަމުގައިވާ އިބްރާހިމް ވަސީމް ބުންޏެވެ.

ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މަޝްރޫއުތަކާ މާލީ ގޮތުން ދަތިތަކާ ދިމާވެ މަޑުޖެހިފައިވާ މިފަދަ މަޝްރޫއުތަކަށް އެ ބޭންކެގެ އެހީއާއެކު ނިންމޭ ކަމީ ބޭންކަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެނަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޭންކުގެ އަމާޒަކީ ރަށްރަށުގެ ތަރައްގީ އަށް ކޮމިއުނިޓީ ފަންޑުގެ އެހީގައި މިފަދަ ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކު ނިންމާލެވުން." ސައީދު ވިދާޅުވި އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ މި އަހަރުގެ ކޮންމެ ކުއާޓާއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހޮވައި އެ ޕްރޮޕޯސަލްއެއްގައިވާ ހަރަކާާތް ހިންގުމަށް 50،000 ރުފިޔާގެ އެހީއެއް ކަނޑައަޅައިގެން ހިންގާ ޕްރޮގްރާމެކެވެ.

އެ ގޮތުން ޕްރޮޕޯސަލްތައް ހޮވުމުގައި ބީއެމްއެލްއިން އިސްކަމެއް ދެނީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ޕްރޮޕޯސަލްތަކަށެވެ.