ހަބަރު

ބީއެމްއެލް އިން އާކް އަށް 60،000 ރުފިޔާ ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން އާކް (އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން) އަށް 60،000 ރުފިޔާގެ ފައިސާ ހަދިޔާކޮށްފި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ، އާކް އަށް ބެންކާއި އެ ކުންފުނީގެ މުވައްޒަފުންގެ ނަމުގައި ފައިސާ ހަދިޔާ ކުރީ މިއަދު ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ކުޑަ ހަފްލާއެއްގަ އެވެ. ރަމްޒީ ގޮތުން ފައިސާ ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ.

ބެންކުން ބުނި ގޮތުގައި މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާއިން ކުރިޔަށް ގެންދާ ޕްރޮގްރާމްތައް ރާވާ ހިންގުމަށެވެ.

"މިއަދު އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރިކަމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުމުމަށާއި ކުޑަކުދިންގެ ކުރިއެރުމަށް އާކް އިން ހިންގާ ހަރަކާތްތައް ހިންގުމަށް ދެވޭ އެހީތެރިކަމެއް. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ." ބީއެމްއެލްގެ ސީއީއޯ ވިދާޅުވި އެވެ.

މި އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އާކް އާ ގުޅިގެން ކުރިޔަށް ގެންދިޔަ 'ބީޓް ބުލީން' ޕްރޮގްރާމުގައި އެހީފޯރުކޮށްދީފަ އެވެ. އެގޮތުން، ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބޭއްވި 'ބީއެމްއެލް ވާއު ކިޑްސް ރަން' ގެ ދުވުންތެރިން ވަނީ ޖުމްލަ 105،250 ރުފިޔާ ބުލީ ކުރުމާ ދެކޮޅަށް ހިންގި މި ކެމްޕޭނަށް ހަދިޔާކުރި އެވެ.