ވިޔަފާރި ކުރާ ތަންތަނާއި އެހެން ތަންތަނުގައި ވެސް މަސައްކަތް ކުރާ މުވައްޒަފުން ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅެން ލަސްވަމުންދާތީވެ، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަސައްކަތްތެރިންގެ ހައްގުގައި ވާކާލާތުކޮށް ސިޔާސީ މަސައްކަތް ކުރަން ކަމަށް ބުނެ އެފެއްދި އެ ޕާޓީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ނިމުނު މަޖިލީހުގެ އިންތިހާބުގައި މަސައްކަތްތެރީން ވޯޓު ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅިގެންދާނެ އަދަދުތައް ހިމެނޭ މެނިފެސްޓޯއަކަށެވެ.
ނަމަވެސް މިހާތަނަށް ވައުދުވެ ހިއްސާ ކުރެވިފައިވާ މިނިމަން ވޭޖް ކަނޑަނޭޅި ލަސްވާއިރު، އެ މަސައްކަތްތަކުގެ މައުލޫމާތު އެކަށީގެންވާ ވަރަށް ހިއްސާ ކުރެވެމުން ވެސް ނުދާތީ އެ ބަޔާނުގައި ލޭބާ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި މަސައްކަތްތެރިންނަށް ޖުމުލަ މަންފާއެއް ލިބޭނެ ގޮތަކަށް މިނިމަން ވޭޖް ވީހާ ވެސް އަވަހަކަށް ކަނޑައެޅުމަށް އެ ޕާޓީން ގޮވާލި އެވެ.
"ވީހާ ވެސް އަވަސް މުސްތަގުބަލެއްގައި ގާނޫނުގައިވާ ގޮތުގެ މަތީން އެންމެހާ މަސައްކަތްތެރީންނަށް ވެސް ހަގީގީ މަންފާ ލިބެނިވި ގޮތަކަށް، ހާވާސާ ވެފައިވާ ފަރާތްތައް އިސްތިސްނާ ނުކޮށް މިނިމަމް ވޭޖެއް ކަނޑައަޅައި ދިނުމަށް މި ޕާޓީން ގޮވާލަމެވެ." ލޭބާ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ގޮތުން އެ ކަމަށް ލަފާ ދޭނެ ބޯޑެއް ވަނީ އެކުލަވާލައިފަ އެވެ. އެ ބޯޑުން ވަނީ ސަރުކާރުގައި ހުރި މައުލޫމާތު އެއްކޮށް، އިތުރަށް ބޭނުންވާ މައުލޫމާތު ހޯދަން ވިޔަފާރިތައް ސާވޭކޮށްފަ އެވެ.
އެ ބޯޑުގެ ދިރާސާ ރިޕޯޓާއެކު އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އިން އެކުލަވާލި ދެ ދިރާސާ ރިޕޯޓެއް ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ފޮނުއްވައިފަ އެވެ. މިނިސްޓަރު އޭގެ ފަހުން ވިދާޅުވީ ރިޕޯޓް ސަރުކާރުގެ ކެބިނެޓަށް ހުށަހެޅުމަށްފަހު، އަންނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށަހެޅޭނެ ކަމަށެވެ.