ކުޅިވަރު

ފިރުމީނޯގެ ލަނޑުން ލިވަޕޫލް ފައިނަލަށް

ރޮބާޓޯ ފިރުމީނޯ މެޗުގެ ފަހު ވަގުތުގައި ވައްދާލި ލަނޑުން އުތުރު އެމެރިކާގެ ޗެމްޕިއަން މޮންޓެރޭގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ލިވަޕޫލް ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވެ، އިތުރު ވަގުތުގެ ދެހާފަށް މެޗު ދާނެ ކަމަށް ބެލުވުނު ނަމަވެސް ފިރުމީނޯ ލިވަޕޫލް މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ މެޗުގެ 91 ވަނަ މިނެޓްގަ އެވެ. އެލެގްޒެންޑާ އާނޯލްޑް އޭރިއާ ތެރެއިން ދިން ބޯޅަ ފިރުމީނޯ ގޯލްގެ ތެރެއަށް ވައްދާލީ ބޫޓުގެ އަރިމަތިން ބޯޅަ ގޯލްގެ ތެރެއަށް ކޮށްޕާލައިގެންނެވެ.

"މެޗުގައި އަބަދުވެސް ޓްރެކްގައި ދެމިހުރުމަކީ އަހަރެމެންގެ ގޭމްގައި ހިމެނޭ ކަމެއް،" ފައިނަލަށް ދަތުރު ކުރުމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުންނެވެ.

މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނަބީ ކެއިޓާ އެވެ. އޭނާ ލަނޑު ޖެހީ މުހައްމަދު ސަލާހް މޮންޓެރޭގެ ޑިފެންސްގެ ތެރެއިން އޭރިއާ ތެރެއަށް ދިން ޕާސް ޑިފެންޑަރުންގެ ފަހަތުން ގޮސް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މޮންޓެރޭ މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 14 ވަނަ މިނެޓްގައި ފުނެސް މޯރީ ކާމިޔާބު ކުރި ލަނޑުންނެވެ. މޮންޓެރޭގެ ގަލާޑޯ ފޮނުވަލި ބޯޅަ ލިވަޕޫލްގެ ކީޕަރު އަލިސަން ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ލިބުނީ ގޯލްގެ ކުރިމަތީގައި ހުރެ މޯރި އަށެވެ. އޭނާ ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

ހޮނިހިރު ދުވަހު ކުޅޭ ފައިނަލު މެޗުގައި ލިވަޕޫލް ވާދަ ކުރާނީ ދެކުނު އެމެރިކާގެ ޗެމްޕިއަން ފުލެމިންގޯ އާ ދެކޮޅަށެވެ.