މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ސީޕީ މުނާޒް، ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފި

ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް، ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ކޯޓުން މުނާޒަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ އޭނާ ކޯޓަށް ހާޒިރުކުރަނީ ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން ކަމަށެވެ. އެ ޓްވީޓްގެ ސަބަބުން ކްރިމިނަލް ކޯޓާ މެދު ނުބައި ތަސައްވުރެއް އުފެދިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. މުނާޒު ކޯޓަށް ހާޒިރުކުރަނީ އެކަމުގެ ހަގީގަތް ބެލުމަށެވެ.

އެގޮތުން މިއަދު 13:00 ގައި މުނާޒް ކޯޓަށް ހާޒިރުކޮށް އެ ކަމާއި ގުޅޭގޮތުން ވަނީ ސުވާލުކޮށްފައެވެ.

ޑީޖޭއޭއިން ބުނީ ސީޕީ ހާޒިރުކޮށްފައިވަނީ މައުލޫމާތުތަކެއް ސާފުކުރުމަށް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސީޕީއާއި ސުވާލުކޮށްފައިވަނީ އިއްޔެ ކުރައްވާފައިވާ ޓްވީޓަކާއި ގުޅިގެންނެވެ. އެ ޓްވީޓްގައި މުނާޒް ވިދާޅުވީ ކޯޓްގައި އޮތް އަޑުއެހުމަށް ފޮނުވި ގައިދީއަކު އަނބުރާ މާފުށީ ޖަލަށް ގެންދިޔައިރު އޭނާ ވަނީ ފޮރުވައިގެން މަސްތުވާތަކެތި ޖަލަށް ވައްދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ތަކެތި އަތުލައިގެންފައިވާ ކަމަށާ އޭނާ މަސްތުވާތަކެތި އެތެރެކުރަން އުޅުނީ ފުރަގަސްފަރާތުގައި ފޮރުވައިގެން ކަމަށްވެސް ސީޕީގެ ޓްވީޓްގައި ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މެންބަރެއްގެ މަގާމުވެސް ކުރިން ފުރުއްވި މުނާޒަކީ ސިފައިންގެ ހިދުމަތުގައި ވަރަށް ގިނަ ދުވަސް ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފަހުން ބައެއް އެހެން މަގާމުތައްވެސް ވަނީ ފުރުއްވާފައެވެ.