ހަބަރު

60 ކިލޯގެ ޑްރަގް މަސައްލަ: ގިނަ މީހުން ދެއްކީ ބަލި ވާހަކަ

ފަސްދޮޅަސް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 11 މީހުންގެ ތެރެއިން ގިނަ މީހުން މިއަދުގެ ކޯޓު އަޑުއެހުމުގައި އެމީހުންގެ ބަލިހާލަތުގެ ވާހަކައާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން އެމީހުންގެ ބޭސްފަރުވާއަށް އިހުމާލުވެފައިވާ ވާހަކަ ހިއްސާކޮށް ޝަކުވާތައް ބަންޑުން ކޮށްލައިިފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ނުވަ މީހެއްގެ ޝަރީއަތް ކުރިއަށް ގެންދިޔައިރު އޭގެތެރެއިން ހުސައިން ސުނާޒް، މުހައްމަދު މާއިދު، މުހައްމަދު ރިޝްވާން އިބްރާހިމް، އަހުމަދު ޝިފާޒް އަދި މުހައްމަދު ނަޝީދު ވަނީ އެމީހުންގެ ހުރި ސިއްހީ މައްސަލަތައް ޝަރީއަތުގައި ހިއްސާކޮށްފަ އެވެ.

އެގޮތުން ހުސައިން ސުނާޒު ވަނީ އޭނާގެ ލޮލުގެ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އަދިވެސް ލޮލުގެ ޑޮކްޓަރަކަށް ދައްކާދީފައި ނުވާ ކަމަށް ބުނެފަ އެވެ. އޭނާގެ ހިރުގަނޑާއި އަނގައި ލޭ އަންނަ ކަމަށާއި ހަންގަނޑުގައި ވެސް އެއްޗެހިތަކެއް ނަގާފައި ވާތީ އެދެވޭ ފަރުވާ ނުލިބޭ ކަމަށް ޝަރީއަތުގައި ބުނެފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި މުހައްމަދު މާއިދު ބުނީ ހައްޔަރުކުރި ދުވަހު ފުލުހުން އަމަލު ކުރި ގޮތުން އޭނާއަށް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެ ފަހުން ފާހާނާއަށް ވެއްޓި އަތް ބިނދުނު ކަމަށާއި ޑޮކްޓަރަށް ދެއްކުމުން ޕްލާސްޓަރު އަޅަން ބުނިނަމަވެސް އެކަން ނުކޮށްދޭ ކަމަށެވެ. އެހެންނަމެސް މެޑިކަލް ރިޕޯޓުތަކަށް ރިއާޔަތްކޮށް ދައުލަތުން ބުނީ އެފަދައިން ޑޮކްޓަރުން އެދިފައި ނުވާ ކަމަށެވެ. އޭނާގެ މައިބަދައިގެ މައްސަލަތަކެއް ހުރި ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މީގެއިތުރުން މުހައްމަދު ރިޝްވާން ވަނީ އޭނާ ނޭވަޔަށް އުނދަގޫވާ ކަމަށް ފާހަގަކޮށްފަ އެވެ. އަހުމަދު ޝިފާޒު ވެސް ވަނީ އޭނާގެ ސައިނަސް ހުންނަ ކަމަށާއި މައިބަދައިގެ މައްސަލަ ހުންނަ ކަމަށް ބުނެފަ އެވެ. ޑޮކްޓަރަށް ދެއްކުމުން ފިޒިއޮތެރަޕީ ހަދަން އެދުނު ނަމަވެސް އެކަން ނުކޮށްދޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން އެތައް ޝަކުވާ ފޯމެއް ހުށަހެޅި ކަމަށް ވެސް އޭނާ ބުންޏެވެ.

މިމައްސަލައިގައި ދައުވާ ލިބޭ މުހައްމަދު ޝާމިން ވަނީ އެދެވޭ ފަރުވާ ނުލިބޭތީ ބަންދުން ދޫކޮށްލާފަ އެވެ. އޭނާއަށް އެންމެ ދެގަޑިއިރަށް ގެއިން ނިކުމެވޭ އަމުރެއް ނެރުމަށް މިއަދު ދައުލަތުން ވަނީ އެދިފަ އެވެ. އެކަން ލިޔުމުން ހުށަހެޅުމަށް ގާޒީ ވަނީ އެދިފަ އެވެ. މުހައްމަދު ޝާމިން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރުކޮށްފަ އެވެ.

މާފުށީ ޖަލުގައި ބަންދުގައި ހުރި މި މައްސަލައިގެ ދައުވާ ލިބޭ މުހައްމަދު ނަޝީދު ވެސް ވަނީ އޭނާގެ ބަލިހާލަތު ޝަރީއަތުގައި ކިޔައިދީފަ އެވެ. އޭނާގެ ބޮލުގެ އެއްފަޅި އައްސިވާ ކަމަށާއި ކަންފަތުގައި ލޯވަޅެއް ހެދި ކަންފަތުން ލޭ އަންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޑޮކްޓަރަށް ދެއްކި ނަމަވެސް އެދެވިގެންވާ ފަރުވާ ނުލިބޭ ކަމަށް އޭނާ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މިމައްސަލައިގައި މުހައްމަދު މާއިޝް އަދި ސައުދުﷲ ރަޝީދު ބުނީ ވަކީލަކު ބޭނުން ނުވާ ކަމަށެވެ. މުހައްމަދު މާއިދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ތްރެފިކް ކުރުމާއި ޑައިމޯފިން ބޭނުންކުރި ދައުވާއަށް އިންކާރުކޮށްފަ އެވެ.

މިމައްސަލައިގައި އަހުމަދު ޝިފާޒުގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމާއި ޑައިމޯފިން ޓްރެފިކް ކުރަން އުޅަނދު ކުއްޔަށް ދިނުމުގެ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

މީގެއިތުރުން މުހައްމަދު ނަޝީދުވެސް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމާއި ބޭނުންކުރުމުގެ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ކޯޓު ހިންގުމުގެ ވަގުތު ހަމަވެފައި ވާތީ މިމައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަހުމަދު ވިސާމާއި މުހައްމަދު ހަމީދުގެ އަޑުއެހުން ވަނީ އެހެން ދުވަހަކަށް ތާވަލުކުރެވިފަ އެވެ.

މިއަދުގެ ޝަރީއަތުގައި ނުވަ މީހުންގެ ބަންދަށް އިތުރު ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ގާޒީ ވަނީ ނިންމާފަ އެވެ. މި އެންމެންނަކީ ވެސް ކުށުގެ ރިކޯޑު އޮން މީހުންނެވެ.

މި 11 މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގަ އެވެ. ހައްޔަރުކުރެވުނު 11 މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ބަލާދިޔަ ދޯނީގައި ތިބި މީހުންނެވެ. އެހެން މީހުން ހައްޔަރުކުރީ މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަންގައި 61 ކިލޯއަށްވުރެ ގިނަ ޑައިމޯފިން (ހެރޮއިން) އާއި ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިތަކެތީގެ އަގު 72 މިލިއަނަށް އަރައެވެ.