ކުލަބުތައް ހަރުދަނާ ކޮށް އޮވެއްޖެނަމަ ފުޓްބޯޅައިގެ ގިނަ ކަންކަމަށް ހައްލު ލިބިގެންދާނެ ކަމަށް ޓީސީގެ އާ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނެފި އެވެ.
މިހާރު އަޑިއަޅާލާފައި ކުލަބުތަކުގެ ތެރޭގައި ޓީސީވެސް ހިމެނެ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވޭތީ ޓީމުގެ ޕްރެކްޓިސް ކުރިއަކަށް ނުގެންދެ އެވެ. ކުޅުންތެރިން އަންނަނީ ހަމައެކަނި މެޗުތައް ކުޅެލުމަށެވެ. އެހާލަތު ޓީސީއަށް ދިމާވެފައިވާއިރުވެސް ޓީސީ އާ ހަވާލުވީ ކުރިއަށް އޮތްތަނުގައި ޓީސީއާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ފެންނާތީ ކަމަށް ޝާޒް ބުންޏެވެ.
"ފުޓްބޯޅައަށް ވަރަށް އެހެން ކަހަލަ ހާލަތެއް ދިމާވެގެން މި އުޅެނީ، އެހެން އަހަރުތަކުގައި މިހާގިނަ ކުލަބުތަކަށް ދިމާނުވާވަރުގެ ކަންތައްތަކެއް މި އަހަރު ދިމާވެގެން މިއުޅެނީ،" ފުޓްބޯޅައިގައި މިހާރު އޮތް ހާލަތު ސިފަ ކުރަމުން ޝާޒް ބުންޏެވެ.
"ޓީސީގެ މެނޭޖުމެންޓާ ވަރަށް ގިނައިން ވާހަކަ ދެކެވި ދެން ކުރިމަގެއް ފެންނަން އެބައޮތް ޓީސީން، އެއީ ޓީސީ އާ ހަވާލުވުމުގެ އެންމެ ބޮޑު ސަބަބަކީ."
އޭނާ ބުނީ، އަންނަ އަހަރު އޭއެފްސީ ކަޕްގައި ޓީސީން ވާދަ ކުރާއިރު ޓީސީ މިހާރު އޮތް ހާލަތުގެ ތެރެއިން އެ މުބާރާތުގައި ވާދަ ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އޭނާ ޓީސީއާ ހަވާލުވުމުގެ އެންމެ ބޮޑު ސަބަބަކީވެސް އެ ހާލަތުގެ ބަދަލު ކުރަން އެއްބާރުލުން ދިނުން ކަމަށެވެ.
މއޮކްޓޯބަރު މަހު ނޭޕާލްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 19 އަހަރުން ދަށގެ މުބާރާތުގެ ތިން ވަނަ ރާއްޖެއަށް ހޯދައިދިން ކޯޗް ބުނީ، ގައުމީ ޓީމު ދޫކޮށް ކުލަބު ފުޓްބޯޅައަށް އެނބުރި އައީ 19 އަހަރުން ދަށުގެ ޓީމާ ހަވާލުވާ ކޯޗުވެސް ކުރިއަށް ދިޔަ ގޮތަށް އެ ވިސްނުމުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށެވެ.
އަންޑާ 19 ޓީމާ ހަވާލުވާނެ ކަމަށް ބެލެވެނީ، ނިމިދިޔަ ސައުތު އޭޝިއަން ގޭމްސްގައި ގައުމީ އަންހެން ޓީމާއެކު ލޯ މެޑަލް ހޯދި ކޯޗް އަހްމަދު ނާޝިދު (ނާދު) އެވެ.