ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ލ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.

ހައްދުންމަތީގެ ގަން، ފޮނަދޫ އަދި ހިތަދުއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ލ. ގަމަށެވެ. ގަމަށް ވަޑައިގެން އެރަށު ކައުންސިލަރުންނާ އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މައުލޫމާތާއި ރަށުގެ ތަރައްގީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ދެން ވަޑައިގެންނެވީ ހިތަދުއަށެެ. އެ ރަށައް ވަޑައިގެން ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ހިތަދޫގެ ތަރައްގީއަށް ރޭވިފައިވާ މުހިންމު މަޝްރޫއުތަކާ އަދި ރަށުގެ ރައްޔިތުންގެ ހުރި މުހިންމު ކަންބޮޑުވުންތަކާ ބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް މައުލޫމާތު އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ހިތަދުއަށް ކުރެއްވި މި ޒިޔާރަތުގައި، ހިތަދޫ ސިއްހީ މަރުކަޒުގައި ހިދުމަތް ދޭންފެށިތާ 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ އެންމެ ފަހުން ވަޑައިގެންނެވީ ލ. ފޮނަދުއަށެވެ. ފޮނަދޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ ފޮނަދޫ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ފޮނަދޫގެ ތަރައްގީއަށް މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ތިން ރަށަކަށް ކުރެއްވި މި ދަތުރުފުޅުގައި ލ އަތޮޅުގެ މަސްވެރިންނާ ބައްދަލުކުރައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ވެސް ވަނީ އޮޅުންފިލުއްވާފައެވެ.