ހަބަރު

ޑިންގީ ހޯދަން ބޮޑު އޮޕަރޭޝަނެއް

މާމިގިލިން ފުރައިގެން ފީއަލި އަށް ދަތުރުކުރި ޑިންގީއެއް ގެއްލުމާ ގުޅިގެން އެ ޑިންގީ ހޯދުމަށް ސިފައިން ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރްޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މާމިގިލިން ފުރައިގެން ފީއައްޔަށް ދަތުރުކުރި ޑިންގީ އެއްގެ ހަބަރެއް ނުވެގެން އެކަން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ޑިންގީއަކީ ދިގުމިނުގައި 20 ފޫޓު ހުރި، ފިޔާތޮށި ކުލަ ލާފައިވާ ޑިންގީއެކެވެ.

“މި މައުލޫމާތު ލިބުނީ 16:53 އެހާކަންހާއިރު. އެ ޑިންގީގަައި ތިބީ ފިރިހެނަކާ ތިން ކުދިން ކަމަށް މައުލޫމާތު ލިބިފައިވަނީ” އާޒިމް ވިދާޅުވިއެވެ.

އެ ގިންޑީ މާމިގިލިން ފުރީ މިއަދު 14:15 އެހާކަންހާއިރުއެވެ. އޭގައި ތިބި ތިން ކުދިންގެ ތެރެއިން ދެ ކުއްޖަކީ ޑިންގީގައި ހުރި ފިރިހެން މީހާގެ ދެ ކުދިންނެވެ. ދެން ހުރީ ފިރިހެން މީހާގެ އާއިލާ ކުއްޖެކެވެ. އެއީ ތެލެސީމިއާ ކުއްޖެކެވެ.

މާމިގިލިން ފީއަލި އަށް ދިއުމަށް ޑިންގީއެއްގައި ހޭދަވަނީ 50 މިނެޓެވެ.

އެމްއެންޑީއެފުން ބުނީ ޑިންގީ ހޯދުމަށް މިހާރުވެސް ސިފައިން ދެ އުޅަދެއްގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އޭރިއާގެ ކަނޑުގެ ސާފޭސް ބަލަމުންދާއިރު ނައިޓް ވިޝަން ކެމެރާ ބޭނުން ކުރަމުންދާނެ ކަމަށެވެ.

މާމިގިލި އަދި ފީއަލިންވެސް ގިނަ އުޅަދުތަކެއް ޑިންގީ ހޯދުމަށް ވަނީ ނިކުމެފައެވެ.

“ދެ ރަށުގެ ދޯނި އަދި ލޯންޗުތައް ވެސް ފުރައިފި ޑިންގީގެ ހަބަރެއްވޭތޯ.” މާމިގިލިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ވަރަށް ގޯސް ދުވަސްވަރެކެވެ. އދ އަތޮޅުން ތ އަތޮޅަށް ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.