ދަ ގްރާންޑޭއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުން ޓީސީން 3-2 ން ގްރާންޑޭ ބަލިކޮށްފި އެވެ.
ޓީސީން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އެ ޓީމުގެ އިބްރާހިމް ޝަފްރާޒް (ޝަފުލޭ) ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.
އޭރު ދަ ގުރާންޑޭއިން އޮތީ ދެ ލަނޑުގެ ލީޑެއް ނަގާފަ އެވެ. އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ އިރާގްގެ ފޯވަޑް އުބައިދާ ޚަދޫމް އަހްމަދެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 30 ވަނަ މިނެޓްގަ އެވެ. އޭގެ އަށް މިނެޓް ފަހުން ގްރާންޑޭގެ ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރި އެވެ.
ޓީސީއަށް ނަތީޖާ އަނބުރާލުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީ އިސްމާއީލް އީސާ (އިސްމާއީލް) އާއި އިޝާން އިބްރާހިމް (ސައްޓު) އެވެ. މެޗުގައީ އިސްމާއީލް ވެސް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ 63 ވަނަ މިނެޓް ގަ އެވެ. އޭގެ ހަތަރު މިނެޓް ފަހުން އިސްމާއީލް ވަނީ ޓީސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ފަހު، ޓީސީން މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލަން ނެގީ ދެ މިނެޓެވެ. މެޗުގެ މޮޅު ކުޅުުންތެރިޔާގެ މަގާމު ހޯދި ސައްޓު ވަނީ 70 ވަނަ މިނެޓްގައި ޓީސީ މޮޅުކޮށްދިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މި ދެ ޓީމު ލީގްގެ ފުރަތަމަ ބުރުގައި ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ޓީސީ އަށް ލިބުނު މޮޅާއެކު އެ ޓީމު ވަނީ ތާވަލުގެ ދެ ވަނަ މާގަމަށް ޖެހިލާފަ އެވެ. ޓީސީއަށް މިހާރު ލިބިފައި ވަނީ 22 ޕޮއިންޓެވެ.