އެމްއެންޑީއެފް

"ފުރާނައަށް ނުރައްކާވެއްޖެނަމަ ފިޔަވަޅު އަޅާނެ"

މޫސުމަށް ސަމާލުކަންނުދީ ކުރާ ދަތުރުތަކުގައި މީހެއްގެ ފުރާނައަށް ނުރައްްކާ ވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މާމިގިލިން ފުރައިގެން ފީއަލި އަށް ދަތުރުކުރަނިކޮށް ގެއްލުނު ޑިންގީ ހޯދާ، އެ ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް އެމްއެންޑީއެފްގެ ހެޑްކްއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަދައްކަވަމުން ކާސްޓްގާޑްގެ ކޮމަޑާން ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ މޫސުން ގޯސްވުމުން ދަތުރު ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ރައްޔިތުންނަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންދާ ކަމަށެވެ.

އަދި މޫސުން އެންމެ ގޯސް ހިސާބުތަކަށް އެލާޓް ނެރެ އެކަމުގެ މައުލޫމާތު ހާމަކުރަމުން ދަނިކޮށް މޫސުމަށް ސަމާލުކަންނުދީ ކުރާ ދަތުރުތަކުގައި މީހެއްގެ ފުރާނައަށް ނުރައްްކާވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާމެދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅާނެ ކަމަށެވެ.

"ހާއްސަ ގޮތެއްގައި މިފަދަ ކަމެއް ދިމާވެގެން މީހެއްގެ ފުރާނައަށް ނުރައްކާވެއްޖިއްޔާމު އެމީހަކާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅާނެ. އެހެންވީމަ މިކަންކަމާމެދު މިހާރަށްވުރެ ތަންކޮޅެއް ސަމާލުކަންދީގެން މީހެއްގެ ފުރާނައަށް ގެއްލުނުވާނެ ގޮތަކަށް މި ޗުއްޓީތެރޭގައި ކަންކަން ގެންދިއުން އެއީ އަޅުގަނޑުމެން އެދޭ ކަމެއް." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިއަދުގެ ހާދިސާއަކީވެސް ވަރަށް ނުރައްކާތެރި ހާދިސާއެއް ކަމަށާ ޑިންގީ އަޑިއަށް ދިޔަނަމަ އުޅަނދު ލޮކޭޓް ކުރުމުގައި ދަތިތަކެއް ކުރިމަތިވީސް ކަމަށެވެ. މިއަދުގެ ހާދިސާއާއި ގުޅިގެން ނުވަ އުޅަނދެއް ހަރަކާތްތެރިވެފައިވާ ކަންވެސް ސަލީމް ފާހަގަ ކުރެއްވިއެވެ.

އޭގެ ތެރޭގައި ކައިރި ރިސޯޓްތަކާއި، ރަށްރަށުގެ އާންމުންގެ ބައެއް އުޅަނދު ހިމެނޭކަން ފާހަގަކުރައްވާ ސަލީމް ވަނީ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރައްވާފައެވެ.