ދިވެހި ޕްރެމިއާ ލީގް

ޔޫވީގެ މައްޗަށް ގުރީންއަށް މިފަހަރުވެސް ބޮޑު މޮޅެއް

ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް 5-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުގައިވެސް ޔޫވީގެ މައްޗަށް ކުލަބު ގުރީން ސްޓްރީޓުން ބޮޑު މޮޅެއް ހޯދައިފި އެވެ.

ލީގްގެ ފުރަތަމަ ބުރުގައިވެސް، ގުރީން އިން ވަނީ ޔޫވީގެ މައްޗަށް 8-2 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެފަ އެވެ. އެ މެޗުގައި ގުރީންގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ފަސް ލަނޑު ޖަހައި ދެ ހެޓްރިކް ހެދުމާ ގާތަށް ޖެހިލާފަ އެވެ.

މިރޭ ކުޅުނު މެޗުގައިވެސް އަޝްފާގް ވަނީ ހެޓްރިކް ހެދުމާ ވަރަށް ގަތަށް ގޮސްފަ އެވެ. އޭނާ ދެ ލަނޑު ޖެހިއިރު ހެޓްރިކު ހެދުމަށް އިތުރު ފުރުސަތުތައްވެސް ލިބުނެވެ.

މެޗުގެ ކުރިން، ޔޫވީގެ އާ ކޯޗް މުހައްމަދު އާދަމް ބުނީ، މި ސީޒަންގެ ގިނަ މެޗުތަކުގައި، މެޗު ފަށައިގެން ފުރަތަމަ 10 މިނެޓްތެރޭގައި ޔޫވީ ކޮޅަށް ލަނޑުތައް ވަދެފައިވުމުން އެކަން ހުއްޓުވުމަށް މަސައްކަތް ކުރާ ކަމަށެވެ. އެންމެ ފަހުން ފޯކައިދު އާ ދެކޮޅަށް ކުޅުނު މެޗުގައި އެކަން ހާސިލުވުމުން، ގުރީން ސްޓްރީޓާ ދެކޮޅަށްވެސް އެކަން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް މުހައްމަދު އާދަމް ބުނެފައި ވެއެވެ.

ގުރީން ޓީމުގެ ވަރުގަދަ ފާހަގަ ކުރި، މުހައްމަދު ޓީމަށް މިރޭ އެކަން ނުހުއްޓުވުނެވެ. މެޗު ފަށައިގެން ފުރަތަމަ ތިން މިނެޓްތެރޭ ގުރީން އިން ވަނީ ޔޫވީގެ ގޯލް ހުޅުވާފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އެ ލަނޑު ކާމިޔާބު ކުރީ އަޝްފާގް އެވެ.

މިހާރު ކުލަބުތަކަށް ދިމާވެފައިވާ ދަތި ހާލަތުގެ ސަބަބުން ގިނަ ޓީމުތަކުން ވަނީ ޕްރެކްޓިސް ކުރުން މެދުކަނޑާލާފަ އެވެ. ގަވާއިދުން ޕްރެކްޓިސް ކުރަމުން ދަނީ ޔުނައިޓަޑް ވިކްޓަރީ އާއި މާޒިޔާ އެވެ. ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިންނަށް ހާޒިރު ނުވިނަމަވެސް ނިލަންދޫގެ ޓީމުގެ ބައެއް ކުޅުންތެރިން ޓީމާއެކު ނުކުމެ ޕްރެކްޓިސް ކުރެ އެވެ. ޔޫވީގެ ކޯޗް މުހައްމަދު ކުރިންވެސް ފާހަގަ ކޮށްފައި ވަނީ، ޔޫވީން ޕްރެކްޓިސްތައް ކުރިއަށް ގެންދިޔަ ނަމަވެސް ގަވާއިދުން ޕްރެކްޓިސް ނުކުރާ ޓީމަކާ ދެކޮޅަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ގުރީންގެ ދެ ވަނަ ލަނޑަކީ، މެޗުގެ 13 ވަނަ މިނެޓްގައި ޔޫވީގެ އަލީ ޝަމާލް އަބްދުﷲ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ލަނޑަށް ފަހު ކުޅުން ފަށައިގެން އެއް މިނެޓް ނުވަނީސް އަޝްފާގް ވަނީ ގުރީންގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ފަސް ލަނޑުވެސް ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 26 ވަނަ މިނެޓްގައި މުހައްމަދު އުމޭރު އެވެ. ފަސް ވަނަ ލަނޑު 39 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރިހާމް އަބްދުލް ގަނީ (ބޮބީ) އެވެ.