ލައިފްސްޓައިލް

ކެންސަރު ޖެހިފައިވާ ކުއްޖެއްގެ ވިޝް ފުރިހަމަ ކޮށްދިނީ އެކުވެރިން

ބައެއް ފަހަރަށް އިންޓަނެޓުގައި ހުންނަ ބައެއް ހަގީގީ ވާހަކަތަކުން އެ ކިޔާ މީހުންގެ ހިތްތައް ވިރިގެން ދެއެވެ. އުމުރުން އެންމެ ފަސް އަހަރުގެ ވިޔަޓް ހާސްގެ ވާހަކަ އަކީ ވެސް މިފަދަ ވާހަކަ އެކެވެ. ވިޔަޓް އަކީ ސިކުނޑިއަށް ކެންސަރު ޖެހިފައިވާ ކުއްޖެކެވެ. އޭނާގެ ސިކުނޑީގައިވާ ޓިއުމަރު ނެގުމަށް ކުރަން ޖެހޭ ބޮޑު އަދި ފުރާނައަށް ނުރައްކާ ސާޖަރީގެ ކުރިން ވިޔަޓްގެ އެކުވެރިން ވަނީ އޭނާއަށް ވަރަށް ރަނގަޅު ސަޕްރައިޒް އެއް ދީ އޭނާގެ ހިތް އުފާކޮށްދީފަ އެވެ.

ވިޔަޓް އަށް ޖެހިފައިވަނީ ވަރަށް މަދުން ނޫނީ ނުޖެހޭ ޒާތުގެ ސިކުނޑީގެ ކެންސަރެކެވެ. އޭނާގެ ސިކުނޑީގެ އެންމެ ތިރީ ބައިގައި ބޮޑު ޓިއުމަރެއް އުފެދިފައިވާކަން އެނގުނީ މިއަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު އެވެ. ވަރަށް އަވަހަށް އޭނާގެ ސާޖަރީ ހަދަން ޖެހޭކަމަށް ޑޮކްޓަރުން ނިންމި އެވެ.

ޔުނިކޯންއެއް ދުއްވާލުމަކީ ވިޔަޓް އަބަދުވެސް ދެކޭ ހުވަފެނެކެވެ. އެހެންވެ ސާޖަރީ އަށް ހޮސްޕިޓަލުގައި އެޑްމިޓްވުމުގެ ކުރިން އޭނާގެ މި ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް ކްލާސް ކުދިން ބޭނުންވި އެވެ.

ވިޔަޓްގެ ބައްޔާ ބެހޭ ވާހަކަތައް ހިއްސާކުރަން އޭނާގެ އާއިލާއިން ވަނީ ފޭސްބުކްގައި ޚާއްސަ ޕޭޖެއް ހަދާފަ އެވެ. މި ޕޭޖުގައި ވިޔަޓްގެ އާއިލާއިން ވަނީ އޭނާގެ ކްލާސްކުދިން ވިޔަޓް އަށް ދިން ސަޕްރައިޒްގެ ފޮޓޯތަކާއި މި ވާހަކަ ހިއްސާ ކޮށްފަ އެވެ.

ވިޔަޓްގެ ބައްޕަ ޒެކް ހާސް ބުނި ގޮތުގައި ފާއިތުވީ މަސް ތަކަކީ އޭނާގެ ދަރިފުޅަށް ވަރަށް ވޭނުގައި އުޅެން ޖެހުނު ދުވަސް ތަކެކެވެ. އެއްގޮތަކަށް ވެސް ހީ މަޖާކޮށްލާ ހަދާނެ ފުރުސަތެއް ދަރިފުޅަކަށް މި ދުވަސްކޮޅަކު ނުލިބެ އެވެ. ނަމަވެސް ޓިއުމަރުގެ އެއްބައި ނެގުނު ފަހުން ދަރިފުޅުގެ ހާލު މިހާރު ތަންކޮޅެއް ރަނގަޅެވެ.

ވިޔަޓް އަށް ފަރުވާ ދޭން ސެން ޖޫޑްސް ޗިލްރަންސް ރިސާޗް ހޮސްޕިޓަލުން އެއްބަސްވި އެވެ. މިއީ މެމްފިސްގައި ހުންނަ ހޮސްޕިޓަލެއް ކަމުން ވިޔަޓްގެ އާއިލާއަށް ޖެހުނީ އެމީހުން ދިރިއުޅެމުންދިޔަ މޮންޓާނާގެ ފެލަން އަވަށުން ޓެނެސީގެ މެމްޕިސް އަށް ދުވަސްކޮޅަކަށް ނަމަވެސް ބަދަލުވާށެވެ.

ވިޔަޓްގެ ކްލާސް ކުދިންނަށް މިކަން އެނގުމުން އެކުދިން ވިޔަޓް އަށް ސަޕްރައިޒެއް ދޭން ބޭނުންވީ އެވެ. ވިޔަޓް ޔުނިކޯން ދެކެ ވަރަށް ލޯބިވާކަން އެނގުމުން ކްލާސް ކުދިންނާއި އެތަނުން އެއް ކުއްޖެއްގެ މަންމަ ކަމަށްވާ ޖެނިފާ ނީލްސަން މި ސަޕްރައިޒް ދިނީ ޔުނިކޯން އެއް ތައްޔާރު ކޮށްގެންނެވެ. އެހެންވެ ވިޔަޓް އެ އަވަށުން ދިއުމުގެ ކުރިން އެ އަވަށުގެ ޕާކްގައި ވިޔަޓް އަށް ޚާއްސަކޮށް ޕާޓީއެއް ބާއްވާ ޔުނިކޯންއެއް ދުއްވާލުމުގެ ފުރުސަތު އެކުދިން ވަނީ އޭނާއަށް ހޯދާދީފަ އެވެ.

މި ޔުނިކޯން ތައްޔާރުކުރީ ކުޑަކުޑަ ހުދު ކުލައިގެ އަހެއް ހޯދާ އޭގައި ކުލަ ޖައްސާ އަދި ޔުނިކޯންގެ ދަޅުގޮތަށް ދަޅު ހަރުކޮށްގެންނެވެ.

މިއީ ވިޔަޓް އަށް ލިބުނު ރަނގަޅު ސަޕްރައިޒެއް ކަމަށާއި އޭނާ ދުވަހަކުވެސް ނުވާ ވަރަށް އުފާވެފައިވާ ކަމަށް ވިޔަޓްގެ މައިންބަފައިން ބުންޏެވެ.