ގާސިމް ހަސަންގެ މަރު

ގާސިމް ހަސަންގެ އާއިލާއަށް ހައްގު އިންސާފު ލިބިގެން ދާނެ: ގާސިމް

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު، ގާސިމް ހަސަންގެ އާއިލާއަށް ހައްގު އިންސާފު ލިބިގެން ދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބައެއްގެ ރަހުމްކުޑަ ހަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވާ ގާސިމް ފެނިފައިވަނީ މިމަހުގެ ހަތަރެެއްވީ ބުދަ ދުވަހުގެ ރޭ 21:07 އެހާކަންހާއިރު ހުޅުމާލެ ރީތިގަސްމަގުގައި އޮއްވައެވެ. ގާސިމް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއްނުވެ ވަނީ މަރުވެފައެވެ. ގާސިމް ހަސަނަކީ، ގާސިމް އިބްރާހިމްވެސް ނިސްބަތްވާ މާމިގިލީ މީހެކެވެ.

ގާސިމް ހަސަންގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާއިރު، ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވަނީ ފުލުހުންގެ އެ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ.

" އިންޝާ الله ގާސިމް ހަސަންގެ އާއިލާއަށް ހައްގު އިންސާފު ލިބިގެން ދާނެ." ގާސިމް ވިދާޅުވެފައިވެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ ގާސިމްގެ މަރާ ގުޅިގެން ރޭ ހައްޔަކުރި މީހާ، ގާސިމް މަރާލި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. ގާސިމަށް ހަމަލާދިން ރޭ އޭނާ ލައިގެން ހުރި އަންނައުވެސް ފުލުުހުން ހޯދާފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ގާސިމްގެ މަރާ ގުޅިގެން ހައްޔަކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ. އަދި ގާސިމްގެ މަރާ ގުޅިގެން އިތުރަށް ހޯދަންޖެހޭ ހެކިތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ގާސިމްގެ މަރާ ގުޅޭ ތަފްސީލް ހާމަކުރުމަށް ފެށޭ ހަފްތާގައި ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވާނެ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

ބައެއްގެ ރަހުމްކުޑަ ހަމަލާތަކެއްގައި ގާސިމް މަރާލާފައި ވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ މައްސަލައާއި ގުޅިގެން ފުލުހުން ފުރަތަމަ މައުލޫމާތެއް ހާމަކޮށްފައިވަނީ ގާސިމްގެ މަރަށް ހަތް ދުވަސް ފަހުންނެވެ.

މިމަހުގެ 12 ވަނަ ދުވަހު ސީޕީ ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ ގާސިމަށް ހަަމަލާދިން ހަތިޔާރު ހޯދާފައިވާ ކަމަށެވެ. އަދި އޭގެން ގާތިލުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ފެނިފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ ގާސިމަށް ހަމަލާދިން ކަމަށް ބެލެވޭ ތަކެތި ހޯދާފައިވަނީ ގާސިމް ވެއްޓިފައި އޮއްވާ ފެނުނު ސަރަހައްދާ 300 ފޫޓު ދުރުން ވިނަގަނޑެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ. އެހެން ކަމުން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ކުރިއެރުންތަކާއެކު ގާސިމްގެ ގާތިލުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ ހުޅުމާލޭގައި ގާސިމްގެ ޓެކްސީ އެންމެ ފަހުން ދުއްވާފައިވާ ސަރަހައްދުތަކުގެ ސީސީޓީވީ ފްޓޭޖްވެސް ބަލާ ދިރާސާކޮށްފައިވާ ކަމަށެވެ.