އީގަލްސް އިން ލީޑް ނަގާފައި ވަނިކޮށް ށ. ފޯކައިދުއިން ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުން 3-2ން މޮޅުވެ، މި ސީޒަންގައި އީގަލްސް ބަލި ކުރި ފުރަތަމަ ޓީމަކަށް ފޯކައިދޫ ވެއްޖެ އެވެ.
ދިވެހި ޕްރިމިއާ ލީގްގައި މިއަދާ ހަމައަށް އައިރު ބަލިނުވެ ހަމައެކަނި ޓީމަކީވެސް އީގަލްސް އެވެ. ކުރިން އީގަލްސް އާއެކު ބަލި ނުވެ އޮތް މާޒިޔާ ބަލި ކުރީވެސް އީގަލްސް އެވެ. ނިއު ރޭޑިއަންޓަށް 2012 ވަނަ އަހަރުގެ ލީގް އެއްވެސް މެޗަކުން ބަލި ނުވެ ހޯދައިދިން އީގަލްސްގެ މިހާރުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް މިއަދު އީގަލްސް ބަލިވުމުން ސަލާމަތް ކޮށް ނުދެވުނެވެ.
މެޗަށް އީގަލްސްގެ ޓީމު އޭނާ ނެރުނީ ބަދަލު ތަކާއެކު އެވެ. ފުރަތަމަ 11 އިން ކެޕްޓަން ހުސައިން ޝިފާއު ޔޫސުފް (ކްރޯ) އަށް ފުރުސަތު ދީފައި ނުވެ އެވެ. އޭނާގެ ބަދަލުގައި ކެޕްޓަން ބޭންޑް އަޅައިގެން ފުރަތަމަ ކުޅުނީ އަހްމަދު ރިޒްވާން (ރިޒޭ) އެވެ.
ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ފުލުފުލުގައި ރިޒޭއަށް ލިބިގެން ދިޔަ އެވެ. އީގަލްސްގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަރީން އަބްދުﷲ އިބްރާހިމް އެވެ.
ފޯކައިދޫއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށް ލީޑް ނެގީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 51 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސަމާލް އެވެ. ފޯކައިދޫއިން މެޗުގެ ލީޑް ނެގީ 58 ވަނަ މިނެޓްގައި ހުސައިން ފަޒީލް ކާމިޔާބު ކުރި ލަނޑުންވެ.
އީގަލްސް ފަހަތުގައި އޮންނަން ޖެހުމުން ނަތީޖާ ބަދަލު ކުރުމަށް އެ ޓީމުން ބުރަކަށް މަސައްކަތް ކުރި އެވެ. އެހެންނަމަވެސް އެ ޓީމަށް ގޯލެއް ކޮންވާޓް ކުރެވޭ ގޮތެއް ނުވި އެވެ. އަލުންވެސް ލަނޑު ޖަހައި ނަތީޖާގެ ފަރަގު ފުޅާ ކުރީ ފޯކައިދޫއިންނެވެ. މެޗުގެ 89 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ހަސަން ނަޒީމް (ޗޯޓް) އެވެ.
ފުރަތަމަ ހާފުގައިވެސް ގިނަ ފުރުސަތުތަކެއް ލިބުނު އީގަލްސްގެ ރިޒޭ މެޗުގެ އިތުރުވަގުތުގެ ތިން ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުން އީގަލްސް އަށް ނަތީޖާގެ ފަރަގު ކުޑަ ކޮށްދިނަސް ބަލިވުމުން ސަލާމަތް ކޮށް ނުދެވުނެވެ.
މި ދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު އީގަލްސް ކާމިޔާބު ކުރީ 5-2 ންނެވެ.