ލައިފްސްޓައިލް

"ސްޓްރީޓް ޑާންސް 3ޑީ"ގެ މުގާބަލާ ވަރަށް މޮޅު

ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރުގެ "ސްޓްރީޓް ޑާންސާ 3ޑީ"ގެ ޓްރެއިލާ ރިލިޒްކުރުމާއެކު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ. ޕްރަބޫދޭވާ އާއި ނޯރާ ފަތޭހީ ވެސް މުހިއްމު ބައިތަކެއް ކުޅޭ މި ފިލްމުގެ އެންމެ ފުރިހަމަ އެއް ލަވަ ވެސް މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.

ހޮނިހިރު ދުވަހު ރިލީޒްކުރި "މުގާބަލާ" އަކީ ވަރަށް ކުރިން ޚުދް ޕްރަބޫދޭވާ ނަށާފައިވާ މި ލަވައިގެ ރިމޭކް އެކެވެ. "މުގާބަލާ"ލަވަ އަކީ މީގެ 25 އަހަރު ކުރިން ޕްރަބޫދޭވާ ކުޅުނު ލަވަ އެކެވެ. އޭނާގެ އެންމެ ފުރިހަމަ ނެށުން ފެނިގެން ދިޔަ އަދި ވަރަށް ގިނަ ބަޔަކަށް މަގްބޫލުވި ލަވަ އެއްވެސް މެއެވެ. ހަމަ މިލަވައިގެ މުޅިން އާ ވާޝަން އަކަށް މިފަހަރުވެސް ޕްރަބޫދޭވާ ވަނީ އޭނާގެ ނެށުމުގެ ކުޅަދާނަކަމާއި މޮޅުކަން ދައްކާލާފަ އެވެ. އޭނާ އާއި ފައި ހަމަ ކުރެވޭތޯ ވަރުން އާއި ޝްރައްދާ އަދި ވަރަށް ގިނަ ނެށުންތެރިން މި ލަވައިގައި މަސައްކަތް ކޮށްފައި ވެއެވެ.

މި ލަވައިގައި ހުދު ހެދުމުގައި ވަރުން އާއި ޕްރަބޫދޭވާގެ ނެށުމުގެ ވަރުގަދަ ކުރިމަތިލުމެއް ފެނެ އެވެ. ހަމަ ގައިމުވެސް ލަވަ ބަލާފައި މި ކުރިމަތިލުމުން ކުރި ހޯދަނީ މިތަނުން ކާކުކަން ބަލާލާހިތް ގިނަ ބަޔަކު ވާނެކަން ޔަގީނެވެ.

މި ލަވަ ކިޔައިދީފައިވަނީ ޔާޝް ނަރްވޭކަރް އާއި ޕަރަމްޕަރާ ޓާކޫރް އެވެ. ލަވަ ކޮމްޕޯސްކޮށްފައިވަނީ ތާނިޝްކް ބާގްޗީ އެވެ.
"ސްޓްރީޓް ޑާންސާ 3ޑީ"ގެ ފުރަތަމަ ލަވައިން ވެސް ފިލްމުން ފެންނާނެ މޮޅު ނެށުންތަކާއި އާދަޔާޚިލާފު މޮޅު ހަރަކާތްތައް ލަފާ ކޮށްލެވޭވަރު ވެއެވެ. ލަވަޔަށް ކޮމެންޓްކުރި ގިނަ ބަޔަކު ބުނަނީ މިހާތަނަށް އެއްވެސް ލަވައަކުން ފެނިފައި ނުވާވަރުގެ މޮޅު ހަރަކާތްތަކެއް މި ލަވައިން ފެނުނު ކަމަށެވެ.

މަޝްހޫރު ކޯރިއޮގްރާފަރު ރޭމޯ ޑިސޫޒާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އަންނަ އަހަރުގެ ޖެނުއަރީ 24 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. މި ފިލްމު ތަމަޅަ، ތެލުގޫ އަދި ހިންދީ ބަހުން ތައްޔާރުކޮށްފައި ވެއެވެ. އިންޑިއަގެ އެކި ސްޓޭޓްތަކުގައި ފިލްމު ރިލީޒްކުރާނީ އެ ސްޓޭޓެއްގެ ބަޔަކު އެންމެ ގިނައިން ވާޙަކަ ދައްކާ އުޅޭ ބަހަކުންނެވެ.

މި ފިލްމުގައި ޝްރައްދާ އާއި ވަރުންގެ އިތުރުން ރޭމޯގެ ޑާންސް ޓީމުގައި ހިމެނޭ މަޝްހޫރު ނެށުންތެރިންގެ ތެރެއިން ރާގަވް ޖުޔަލް، ދަރްމޭޝް ޔެލަންޑޭ އަދި ސަލްމާން ޔޫސުފް ޚާން ފަދަ ފަންނާނުން ބައިވެރިވެ އެވެ.