ލައިފްސްޓައިލް

"ބޭޑް ކޮލެސްޓްރޯލް"ދަށް ކުރަން ދުވާލަކު ދެ އާފަލު ކާން ޖެހޭ!

އަހަރެމެންގެ ސިއްހަތަށް ރަނގަޅީ ކޮން ކޮން އެއްޗެއް ކަމާއި ގޯހީ ކޯޗެއްކަން އަބަދު ކަހަލަ ގޮތަކަށް ތަފާތު މީހުންގެ ފަރާތުން އަޑު އިވެމުން ދެއެވެ. ނަމަވެސް އެކި މީހުން ދައްކާ ވާހަކަތަކަށް އިތުބާޜު ކުރުމަށްވުރެ ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތައް ގަބޫލުކުރުން މާ އެދެވިގެން ވެއެވެ.

ރަނގަޅު ސިއްހަތެއްގައި ހުރުމަށް ވިސްނާއިރު އިންސާނާގެ ހިތަކީ އެންމެ ފަރުވާތެރިވެ ސަމާލުވާން ޖެހޭ އެއް ގުނަވަނެވެ. ހިތް ބަރާބަރަށް ލޭ ޕަމްޕްކުރޭތޯ ޔަގީންކުރަން ވަރަށް ގިނަ ބަޔަކު ކަސްރަތު ކުރެ އެވެ. ނަމަވެސް ހަމައެކަނި ކަސްރަތަކުން ނުފުދެ އެވެ. އެމީހާ ކާ ކެއުމަކީ ވެސް ހިތުގެ ބަލިތަކުން ދިފާއުވުމަށް ވިސްނަން ޖެހޭނެ ކަމެކެވެ. ސަބަބަކީ ކެއުމުގެ އާދަތަކާއި ހިތުގެ ސިއްހަތާ ގުޅިފައި ވާތީ އެވެ. ޚާއްސަކޮށް ކޮލެސްޓްރޯލް އަކީ ކޮންޓްރޯލްކުރުން ވަރަށް މުހިއްމު އެއްޗެކެވެ.

އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައި ޝާއިއުކޮށްފައިވާ ރިސާޗް ޕޭޕަރެއްގައިވާ ގޮތުން ދުވާލަކު ދެ އާފަލު ކެއުމުން ބޭޑް ކޮލެސްޓްރޯލް ނުވަތަ އެލްޑީއެލް ދަށްކޮށްދެ އެވެ. އެލްޑީއެލް އަކީ ގޯސް ސަރުބީއަށް ވަނީ މި ސަރުބީ ޖަހަނީ ލޭ ހޮޅިތަކުގެ އެތެރޭގައި ކަމަށް ވާތީ އެވެ. ސަރުބީތައް ލޭހޮޅިތަކުގެ އެތެރޭގައި ޖަމާވެ ހަރުވުމުގެ ސަބަބުން ލޭ ދައުރުވުމަށް ދަތިވެ ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމަށް މަގުފަހިވެ އެވެ.

އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ރީޑިންގެ ސައިންސްވެރިންނާއި އިޓަލީގެ ސައިންސްވެރިންގެ މި ހޯދުމުން ދެއްކި ގޮތުގައި އާފަލުގައި ހުންނަ ޕޮލިފެނޯލް އާއި ފައިބަރުގެ ސަބަބުން އެލްޑީއެލް އާދައިގެ ވަރަކަށް މަތީގައި ހުންނަ މީހުންގެ ބޭޑް ކޮލެސްޓްރޯލް ދަށްކޮށްދެ އެވެ. މީގެ ސަބަބުން ލޭހޮޅިތަކުގައި ރަނގަޅަށް ލޭ ދައުރުކޮށްދެ އެވެ.

މި ސްޓަޑީގައި ބައިވެރިކުރީ އެންމެ 40 މީހުންނަށް ވެފައި މީގެ ނަތީޖާ އިތުރަށް ބަލާ ދިރާސާކުރަން ޖެހުނު ނަމަވެސް އެންމެ ދެ އާފަލު ދުވާލަކު ކައިގެން ކޮލެސްޓްރޯލް ދަށް ކުރެވޭނެކަމުގެ އުންމީދު އޮތް ނަމަ މިއީ ކޮންމެހެން ވެސް ކެއުމުގައި ހިމަނަން ޖެހޭނެ އެއްޗެއް ކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ.

ނަމަވެސް ކިރާއި ކިރުން އުފައްދާ ބާވަތްތަކަކީ ބޭޑް ކޮލެސްޓްރޯލް އިތުރުކުރާ އެއްޗެތި ކަން ވެސް މި ހޯދުމުގައި ފާހަގަ ކޮށްފައި ވެއެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަނުން ވަރަށް ފަހުން ނެރެފައިވާ އެޑްވައިޒަރީއެއް ބުނާ ގޮތުގައި ފުލް-ފެޓް މިލްކް، ޑައިރީ ޕްރޮޑަކްޓްސް އަދި ޖަނަވާރުން އުފައްދާ އެކި ބާވަތުގެ ކާއެއްޗިއްސަކީ ސެޗުރޭޓެޑް ފެޓްސް އަށް ވާތީ މި ތަކެއްޗަކީ އިންސާނާގެ ހިތަށް ވަރަށް ނުރައްކާ ކުރާ އެއްޗިއްސެވެ. އަދި މިތަކެތި ބޭނުންކުރާނަމަ އެލްޑީއެލް މަތިވާނެ އެވެ.

ސެޗުރޭޓެޑް ފެޓްސްގެ ބަދަލުގައި ޕޮލިއަންސެޗުރޭޓެޑް ފެޓްސް ބޭނުންކުރުން މުހިއްމުކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. ޕޮލިއަންސެޗުރޭޓެޑް ފެޓްސް ލިބެނީ ޒުވާރި، ކެނޯލާ، ނުވަތަ ސޯޔާބީން ތެލުންނެވެ. އަދި ހަކުރާއި ލޮނު މާ ގިނައިން އަޅާފައި ހުންނަ ކާ އެއްޗެތި ވެސް ވީވަރަކުން ކެއުން މަދުކުރަން ޖެހެ އެވެ.

ޗީޒް ގިނައިން އަޅާފައި ހުންނަ ޕިއްޒާ، ޕްރޮސެސްޑް މީޓްގެ ތެރޭގައި ހިމެނޭ ސޮސެޖް، ހަކުރު ގިނައިން އަޅާފައި ހުންނަ ފޮނި ކާތަކެއްޗަކީ ހިތުގެ ސިއްހަތަށް ނުރައްކާ ކުރާނެ އެއްޗިއްސެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަންގެ އެޑްވައިޒަރީގައި އިތުރަށް ބުނެފައިވާ ގޮތުގައި ދުވާލަކު އެއް ބިސް ކެއުމަކީ ހިތާއި ސިކުނޑިއާ ގުޅިފައިވާ ލޭ ހޮޅިތަކުގެ ނިޒާމަށް ގެއްލުންވާ އެއްޗެއް ކަމަކަށް މިހާތަނަށް ހޯދާފައިވާ ހޯދުން ތަކަކުން ނުދައްކަ އެވެ. ނަމަވެސް މީގެ ކުރިން ގިނަ ތަޖުރިބާކާރުން ބުނެފައިވަނީ ބިހުގެ ގޮބޮޅިއަކީ ކޮލެސްޓްރޯލް މަތިކޮށްދޭ ހިތުގެ މައްސަލަތަކަށް މަގުފަހިކުރުވާ އެއްޗެއް ކަމަށެވެ. ނަމަވެސް ފަހުގެ ހޯދުންތަކުގައި ބުނެފައިވަނީ ދުވާލަކު އެއް ބިސް ރައްކާތެރިކަމާއެކު ކެވިދާނެކަމަށެވެ.

އެހެންވީ ސަނީ ސައިޑް-އަޕް ބިހެއް ކޮންމެ ދުވަހަކު ހެނދުނުގެ ނާސްތާގައި ހިމެނުން ރަނގަޅެވެ. އަދި ދުވާލަކު ދެ އާފަލު ކޮންމެހެން ވެސް ކާން ޖެހެ އެވެ. ސެޗުރެޓެޑް ފެޓްސް ލިބޭ ކާނާ ވީހާވެސް މަދުކޮށްލާށެވެ. ހިތުގެ ސިއްހަތު ރަނގަޅު ވާނެ އެވެ.