ލައިފްސްޓައިލް

އެމެރިކާގެ އެންމެ ހަގު މޭޔަރަކީ ހަތްމަހުގެ ތުއްތު ކުއްޖެއް

އެމެރިކާގެ އެންމެ ހަގު މޭޔަރަކީ ހަތް މަހުގެ ކުއްޖެކޭ ބުނެފިއްޔާ ގަބޫލުކުރާނަން ހެއްޔެވެ؟ ގަބޫލު ކުރިޔަސް ނުކުރިޔަސް މިއީ ހަގީގަތެކެވެ. ވިލިއަމް ޗާލްސް "ޗާލީ" އަކީ އެމެރިކާގައި މިހާތަނަށް މޭޔަރު ކަމަށް އައްޔަން ކުރެވުނު އެންމެ ހަގު ކުއްޖާ އެވެ. މި ކުއްޖާ އަށް މޭޔަރުކަން ދިން ރަސްމިއްޔާތުގައި މި ތުއްތު ކުއްޖާ ވަރަށް ނަލަހެދިލައިގެން ކޯޓު ލައިގެން އިން މަންޒަރު ބަލާފައި ގިނަ ބަޔެއްގެ ހިތަށް އަސަރު ކުރި އެވެ.

ވައިޓްހޯލް ކޮމިއުނިޓީ ސެންޓަރުގައި އޮތް މި ރަސްމިއްޔާތުގައި ޗާލީ އަށް މޭޔަރުކަމުގެ މަގާމު ހަވާލު ކުރެވުނީ 150 މީހުންގެ ހާޒިރުގަ އެވެ. މޭޔާ ޗާލީގެ ނަމުން މަޝްހޫރުވެފައިވާ މި ކުއްޖާ ރަސްމީކޮށް މަގާމުގެ ހުވާ ކޮށްފައި ވަނީ އާދިއްތަ ދުވަހު އެވެ. ގްރައިމްސް ކައުންޓީގެ ލޯކަލް ކޮމިއުނިޓިޒްގައި ޚިދުމަތް ކުރުމަށް ޗާލީ ހޮވީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

'އެމެރިކާ އަނެއްކާވެސް ރަނގަޅު ބަޔަކަށް ހަދަމާ" މޮޓޯ އާއެކު މޭޔާ ޗާލީ ޕޯޑިއަމްގައި ހުރީ އޭނާ އެޑޮޕްޓްކުރި މައިންބަފައިން ކަމަށްވާ ޗާޑް އާއި ނެންސީ މެކްމިލަން އާއެކުގަ އެވެ. ޗާލީ ހުވާ ކުރި ވަގުތު ލޯކަލް ކޮމިއުނިޓީގެ މީހުން އޭނާއަށް ވަރަށް ހޫނު ތަރުހީބެއް ދެމުން ދިޔަ އެވެ.

މިހާ ތުއްތު ކުއްޖަކު މިކަހަލަ މަގާމަކަށް ހޮވުނީ ކިހިނެއް ބާއޭ ވަރަށް ގިނަ މީހުންގެ ހިތަށް އަރާނެކަން ޔަގީނެވެ. މިއީ ފަންޑްރައިޒަރުންގެ މަސައްކަތެވެ. ލޯކަލް ޓީވީ ޗެނަލް ކޭބީޓީއެކްސް އިން ބުނި ގޮތުގައި ކޮންމެ އަހަރަކުވެސް ވައިޓްހޯލް ވޮލަންޓިއާ ފަޔާ ޑިޕާޓްމަންޓް ބީބީކިއު ފަންޑްރައިޒަގައި މޭޔަރުގެ މަގާމު ނީލަން ކިޔައި އެ މަގާމު ލިބެނީ އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. މި އަހަރު އެންމެ މަތީ ބިޑެއް ހުށަހެޅީ ޗާލީ ކަމުން އޭނާއަށް މަގާމު ލިބުނީ އެވެ.

ޓެކްސަސް ޓައުން ކައިރީގައި އޮންނަ ނަވަސޯޓާގެ ކައުންސިލްމޭން ޖޯޝް ފުލްޒް ނިއުސްވީކަށް ދީފައިވާ އިންޓަވިއު އެއްގައި ވަނީ ތުއްތު މޭޔަރު ހުވާ ކުރި ރަސްމިއްޔާތުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ މޭޔަރު ވަރަށް އުފާވެފައި 'ގޫގޫގާގާ' ކަހަލަ އަޑުތަކެއް ލައްވަން އިން ކަމަށެވެ. އެންމެން ވެސް ބޭނުންވީ ކުޑަ ކުޑަ މޭޔަރު އުރާލައި އޭނާ ގޮވައިގެން ހިނގާލަން ކަމަށާއި އެންމެން ވެސް މި ތުއްތު މޭޔަރަށް އޮތް ލޯބި ވަރަށް ބޮޑަށް ހާމަކުރި ކަމަށެވެ.

"އަހަރެމެންގެ ގައުމުގެ ތާރީޚުގައި ވެސް މިއީ ވަރަށް އުނދަގޫ ދުވަސްވަރެއް. ކޮމިއުނިޓީއަށް ހިތްހެޔޮކަމާއި އަމާންކަން ގެނައުމަށް މޭޔާ ޗާލީގެ އެހީތެރިކަން ވަނީ ލިބިފައި. އަހަރެމެންގެ ހަގީގީ އަމާޒަކީ ވެސް މިއީ،" ފުލްޒް ބުންޏެވެ.

މި ތުއްތު ކުއްޖާ ހުވާކުރި ރަސްމިއްޔާތު ބޭއްވީ މިފަދަ ބޮޑެތި ރަސްމިއްޔާތުތައް ވެސް ބާއްވާ ގޮތަށެވެ. ނަމަވެސް ތަންކޮޅެއް ކުޑަ ރަސްމިއްޔާތެއް ގޮތަށެވެ. މި ރަސްމިއްޔާތުގައި މޭޔާރު ކަމުގެ ހުވާ ވެސް މޭޔާ ޗާލީ ކުރި އެވެ. މި ހުވާގައި ޗާލީ ކިޔަން ޖެހޭނީ ހުރިހާ ކަމެއް ވެސް މައިންބަފައިންގެ އެހީތެރިކަމާއެކު ކުރާނެ ކަމަށެވެ. ޗާލީ ކުޑަކަމުން ހުވާ އޮތީ ހަމައެކަނި ލިޔުމެއްގެ ގޮތުގަ އެވެ.