ވަރަށް ގިނަ ބެލެނިވެރިންގެ ފިކުރަކަށް ވެފައި ވަނީ އެ މީހުންގެ ދަރިން ފޫހިވެގެން އުޅޭއިރު ހަދާނެ ގޮތެއް ނޭނގިގެންނެވެ. ދަރިފުޅު މާ ބޮޑަށް ފޫހިވެގެން ބޮޑާހާކާ ހަދާނަމަ ދެން ކުރާނެ ކަމެއް ނޭނގިގެން ވަރަށް ގިނަ ބެލެނިވެރިން އުޅެ އެވެ.
ދަރިފުޅު ކުރާނެކަމެއް ނޭނގިގެން މަންމަ ކައިރީގައި ތަކުރާރުކޮށް އެ ވާހަކަ ދައްކާ ކަމަށާއި މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ބައެއް ބެލެނިވެރިން ބުނެ އެވެ. އެހެންވެ ދަރިން ފޫހިނުވެ ބޭތިއްބުމަކީ މައިންބަފައިންނަށް މިހާރު ވަރަށް ބޮޑަށް ޕްރެޝަރު ކުރިމަތިވާ ކަމަކަށް ވަނީ ވެފަ އެވެ. ވަގުތުން ކުއްޖާގެ ފޫހިކަން ފިލުވާލާނެ ކޮންމެވެސް ކަމެއް ހޯދަން މަންމައިން އުޅޭތަން ފެނެ އެވެ.
މިޒަމާނުގައި ގިނަ ކުދިންގެ ދިރިއުޅުން ވަރަށް ބިޒީ އެވެ. ސްކޫލްގައި ގިނަ ވަގުތު ހޭދަކުރުމުގެ އިތުރުން ކުޅިވަރު ކުޅުމާއި ޓިއުޝަން ފަދަ ކަންތައްތަކުގައި ކުދިންގެ ވަގުތުތައް އޮންނަނީ މުޅިން ފުރިފަ އެވެ. ކުދިން ފޫހިނުވާނެ ފަދަ ގޮތަކަށް އެކުދިންގެ ވަގުތުތައް ބަހާލައިގެން ކަންތައްތައް ރޭވުމުގައި މައިންބަފައިން ވަރަށް އަވަދިނެތި އުޅެމުން ދެއެވެ.
ގިނަ މައިންބަފައިންނަށް ހީވެފައި އޮންނަނީ ދަރިފުޅު ފޫހިނުވާނެ ފަދަ ގޮތަކަށް އެކުދިންގެ މުނިފޫހި ފިލުވުމުގެ ކަންތައްތައް ވެސް ހަމަޖައްސައިދިނުމަކީ މައިންބަފައިންގެ ޒިންމާ އެއް ކަމަށެވެ. ދަރިފުޅު ފޫހިވެގެން އުޅޭތަން ދުށުމަކީ މައިންބަފައިން ބިރުގަންނަ އަދި ވަގުތުން އެކަމަށް ހައްލެއް ހޯދަން އިސްނަގާ ކަމެކެވެ. އެހެންވެ މި ޒަމާނުގެ ކުދިންނަށް ފޫހިފިލުވާނީ ކިހިނެއްކަން އަމިއްލައަށް ވިސްނާކަށް ނުޖެހެ އެވެ. އެއީ މިހާރު މައިންބަފައިންގެ ބޮލުގަ ރިހުމެކެވެ. އެމީހުންގެ މައްސަލަ އެކެވެ.
ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި ކުދިންނަށް ފޫހިވާނެ ފުރުސަތު ނުދިނުމާއި ފޫހިވެގެން އަމިއްލައަށް ކުރާނެ ކަންތައްތައް ހޯދާނެ މަގު ތަނަވަސް ކޮށްނުދިނުމަކީ މައިންބަފައިން ދަރިންނަށް ވާ އިހުމާލެކެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ހީވަނީ ކުދިން ފޫހިވަނީ އެކުދިންނަށް ފުރިހަމައަށް ދިރިއުޅެވޭނެ ގޮތްތައް ފަހި ނުކޮށްދެވޭތީ ކަމަށެވެ. ކުރާނެ ކަމެއް ނެތި ދަސްކުރާނެ އެއްޗެއް ނެތި ތަޖުރިބާ ކުރާނެ އެއްޗެއް ނެތި ހުސް ވަގުތުތަކެއް ކުދިންނަށް ލިބުމަކީ އެކުދިންގެ ދިރިއުޅުމަށް ލިބޭ ހުސްކަމެއް ކަމަށް ގިނަ މައިންބަފައިންނަށް ގަބޫލު ކުރެވެ އެވެ. ނަމަވެސް މިއީ ކުށް ހީ އެކެވެ.
ކުދިން ފޫހިވެދާނެތީ ގަންނަ ބިރަކުން ވަކި ކަމަކަށް ނުވަތަ އެއްޗަކަށް ފޯކަސް ކުރަން އަހަރެމެން ކުދިންނަށް އިރުޝާދު ދެމެވެ. މިޒަމާނުގައި ޓެކްނޮލޮޖީ އަކީ އެންމެންނަށް ވެސް ފަސޭހައިން ލިބޭ ގޮތަށް ހުންނަ އެއްޗިއްސަށް ވާއިރު މި އެއްޗެހި ދަރިންނަށް ފޯރުކޮށްދެނީ އެ ކުދިން ފޫހިވާތީ ގަންނަ ބިރުންނެވެ. ކުދިންނަށް ފޯނާއި ލެޕްޓޮޕް އަދި ގޭމްތައް ގަނެދީގެން އެކުދިންގެ ފޫހި ފިލާތޯ މައިންބަފައިން ޔަގީން ކުރެ އެވެ.
އެންމެ ހިތާމަހުރި ކަމަކީ އެއްވެސް މީހަކަށް އެމީހުންގެ ދަރިންނަކަށް މިހާރު އިތުބާރެއް ނުކުރެވެ އެވެ. ފޫހިވިޔަސް އެ ފޫހިކަމަށް ކެތްކޮށްލައިގެން ހުރެވޭނެކަމުގެ ޔަގީންކަމެއް ނޯވެ އެވެ. އަދި ފޫހިވިޔަސް ކުދިންނަށް ގެއްލުމެއް ނުލިބޭނެކަމެއް ވެސް ނުވިސްނެ އެވެ. އަމިއްލަ ސިކުނޑިން ވިސްނައިގެން ކުދިން ފޫހިފިލުވަން ކަންކަން ކުރާނެ ކަމަށް ގަބޫލުކުރާކަށް ވެސް ބޭނުމެއް ނުވެ އެވެ.
ނަމަވެސް ފޫހިވުމުގެ ފައިދާ އެނގޭނަމަ އެއްވެސް މީހަކު ކުދިން ފޫހިވާތީ ހަދާނެ ގޮތް ނޭނގިގެން ފިކުރެއް ނުކުރާނެ އެވެ. އަދި ކުދިން ފޫހިފިލުވާނެ ތަކެތި ހޯދާކަށް ވެސް ނޫޅޭނެ އެވެ.
ކޮންމެ އިންސާނަކު ވެސް ފޫހިވުމުން ވަރަށް އަގުހުރި ދެ ކަމެއް ދިމާވެ އެވެ. ފުރަތަމަ ކަމަކީ އަހަރެމެންގެ އަމިއްލަ ޚިޔާލާއި ފިކުރު ބޭނުންކުރަން ޖެހުމެވެ. އަމިއްލައަށް ކުރާނެ ކަންކަން ވިސްނާ ހޯދަން ޖެހުމެވެ. އާ އީޖާދުތައް ކުރުމެވެ. މިއީ ތި ހީކުރާ ވަރަށް ވުރެ މާ ހުނަރުވެރި ކަންކަމެވެ. މިޒަމާނުގެ ކުދިންނަށް މިގޮތަށް ވިސްނުން ބޭނުންކުރަން ނުޖެހޭނެކަމަށް ގިނަ ބަޔަކު ގަބޫލު ކޮށްފާނެ އެވެ. މިޒަމާނުގައި އޮންލައިނުން ކޮންމެ ކަމެއް ވެސް ވަގުތުން ކުރާނެ ގޮތް ބަލާލެވެން އޮންނައިރު އަމިއްލަ ސިކުނޑިއަށް ބާރު ބޮޑުކުރަން ބޭނުމެއް ނުވާނެ ކަމަށް މިފަދަ މީހުން ގަބޫލު ކުރާނެ އެވެ. މިއީ އިންސާނުންނަށް ވީތީ އަހަރެމެންނަށް ކާރުގައި ބޭނުންތަނަކަށް މިހާރު ދަތުރު ކުރެވޭތީ ހިނގަން ދަސްކުރުމުގެ ބޭނުމެއް ނެތޭ ބުނުން ފަދަ ކަމެކެވެ.
ފޫހި ފިލުވާނެ ކިތަންމެ ގިނަ ވަސީލަތްތަކެއް މިޒަމާނުގައި ލިބެން ހުއްޓަސް ފޫހި ފިލުވާނެ ގޮތްތަކެއް އަމިއްލަ ޚިޔާލަށް ހޯދައިގެން އެކަންކަން ކުރުމާއި ލިބެން ހުންނަ އެކި ކަހަލަ ޓެކްނޮލޮޖީގެ އެހީގައި ފޫހިފިލުވާ ހާސްބައި ތަފާތުވާނެ އެވެ. އިންސާނާގެ ސިކުނޑީގެ ސިއްހަތަށާއި ތަރައްގީއަށް އަމިއްލަ ވިސްނުމުން ކަންތައްތައް ކުރުމުގެ ފައިދާ މާ ބޮޑެވެ.
ކަންކަމާއި ވިސްނާ ޚިޔާލުކޮށް ކްރިއޭޓިވް ކަންތައްތައް ކުރުމަށް ވިސްނާ އެކަންކަން އަމިއްލައަށް ކުރުމަށް ވުރެ ކުދިންނަށް ފޫހިފިލުވަން ރަނގަޅު ގޮތެއް ނެތެވެ. މައިންބަފައިންގެ ހައިސިއްޔަތުން މިކަން ކުރެވޭނީ އެކުދިންގެ ވަރަށް ތުއްތު ފުރައިން ފެށިގެން މީގެ އޮށްތައް އެކުދިންގެ ސިކުނޑީގައި އިންދައިގެންނެވެ. ތުއްތު އުމުރުއްސުރެ އަމިއްލަ ވިސްނުމަށް ކަންކަން ކޮށްލަން ދަސްކޮށްދިނުމަކީ އެކުދިންގެ ހުނަރާއި ވިސްނުން ތަރައްގީވުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމެވެ.
ކުދިން ފޫހިފިލުވާނެ ހުރިހާ ސާމާނެއް އެއްކޮށްފައި ބެހެއްޓުމަކީ އެކުދިންގެ ޚިޔާލުގެ ތަނަވަސްކަމާއި ފަންނުވެރިކަން ނެތިކޮށްލުން ފަދަ ކަމެކެވެ.
ދެ ވަނަ ކަމަކަށް ކުދިން "އަހަރެން ފޫހިވަނިއްޔޭ" އެ ބުނަނީ އެކުދިން ކުރަން ޝައުގުވެރިވާ އެއްވެސް ކަމެއް ނެތް ނެތީމަ އެވެ. ނަމަވެސް ޝައުގުވެރިވާ ކަމެއް ހޯދަން ކުދިން އެއްވެސް ކަމެއް ކުރޭ ހެއްޔެވެ؟ ބޮޑެތި މީހުން ވެސް ފޫހިވެގެން އުޅެނީ އެމީހުން ހިތްހަމަޖެހޭ ކަހަލަ ކަމެއް ކުރާނެ ނެތީމަ އެވެ. އެހެންވީމާ ކުދިން ފޫހިވީމާ އެކުދިންނަށް އަމިއްލަ ފަންނުވެރިކަން ކުރިއަރާނެ ކަންތައްތައް ކުރުމަށް ބާރު އަޅަން ޖެހޭނެ އެވެ. އަމިއްލަ ވިސްނުމުން ކުރާނެ ކޮންމެވެސް ކަމެއް ހޯދަން ފުރުސަތު ދޭން ޖެހޭނެ އެވެ.
ކުއްޖަކު ފޫހިވަނިއްޔޭ ހަމަ ބުނެލާއިރަށް އެ ކުއްޖާގެ ކުރިމައްޗަށް އޭނާ ފޫހިފިލުވާނެ އެތައް ކަމެއް އޮއްސާލުމުގެ މާނައަކީ އެ އެއްޗިއްސާ ނުލާ އޭނާއަށް އެއްވެސް ކަމެއް ނުކުރެވޭނެކަން ކުދިންނަށް ވިސްނާ ދެވެނީ އެވެ.
ހަގީގަތުގައި ފޫހިވުމުގެ އިހްސާސަކީ ކުދިންނަށް އަމިއްލައަށް ވިސްނާ ފިކުރުކޮށްގެން ކަންކަން ކުރުމަށް ދެވޭ ދައުވަތެކެވެ. ފޫހިވުމުގެ ތަޖުރިބާ އަކީ ވެސް ކުދިން ކުރަން ޖެހޭނެ އެއްޗެކެވެ. އެ ވަގުތުގައި އެކުދިންގެ ސިކުނޑިތައް އާދަޔާޚިލާފަށް ކަންކަން ކުރުމަށާއި ކުރެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރާނެ އެވެ. ވީމާ މީގެ ފަހުން ވެސް ކުދިން ފޫހިވެގެން އުޅުނަސް އެއީ މާ ބޮޑު ކަމަކަށް ނުހަދާށެވެ. ކުދިން ފޫހިވެގެން ކުރާނެކަމެއް ނުވިސްނޭ ހިސާބުން އެކުދިންގެ ސިކުނޑިތައް އާ ޚިޔާލުތަކާއި އާ ކަންތައްތަކަށް ހުޅުވޭނެ އެވެ. އެއީ އެކުދިންގެ ސިކުނޑީގެ ތަރައްގީއަށް މުހިއްމު ކަމެކެވެ.