ލައިފްސްޓައިލް

ގްރޭޑް 11 ގައި ކިޔަވާ ފަގީރު ކުއްޖަކަށް ނާސާއަށް ދިއުމުގެ ފުރުސަތު

އިންޑިޔާގެ ކުޑަ އަވަށެއްގައި ދިރިއުޅޭ ކޭ.ޖަޔަލަކްޝްމީ އަކީ ގްރޭޑް 11 ގައި ކިޔަވާ ދަރިވަރެކެވެ. ގޯފޯގްރޫ އިން އިންތިޒާމްކުރި އޮންލައިން މުބާރާތަކުން އެއްވަނަ ހޯދައިގެން އަންނަ މޭ މަހު ނާސާއަށް ދިއުމުގެ ފުރުސަތު މި އަންހެންކުއްޖާ އަށް މިހާރު ވަނީ ލިބިފަ އެވެ. މި ކުއްޖާއަކީ ތަމަޅަ މީޑިއަމަށް ކިޔަވާ ކުއްޖަކަށް ވާތީ މި މުބާރާތުގައި ބައިވެރިވުމަށްޓަކައި އޭނާ ވަނީ އެއް މަސް ދުވަހުގެ އިނގިރޭސި ބަސް ދަސްކޮށްދޭ ކޯހެއް ހަދާފަ އެވެ. މި މުބާރާތުން 'ގްރޭޑް 2" ސްކޯކޮށްގެން ބެސްޓް ޕާފޯމާއަކަށް މި ކުއްޖާ ވަނީ ހޮވިފަ އެވެ.

ޖަޔަލަކްޝްމީގެ އާއިލާ ބެލެހެއްޓުމާއި އާއިލާގެ ހުރިހާ ޚަރަދެއް ބެލެހެއްޓުމުގެ ޒިންމާ ނަގަނީ އޭނާ އެވެ. އާއިލާގައި ފައިސާ ލިބޭ ހުރީ ހަމައެކަނި އޭނާ އެވެ. އޭނާގެ މަންމައަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހަކަށް ވާތީ މަންމަ އާއި ކޮއްކޮ ބެލެހެއްޓުމުގެ ޒިންމާ ވެސް ނަގަނީ މި ކުޑަ އަންހެންކުއްޖާ އެވެ.

ނާސާ އަށް ދާނެ ފުރުސަތު ލިބިފައި ވިޔަސް އެމެރިކާއަށް ދިއުމުގެ ޓިކެޓާއި އެނޫން ޚަރަދުތައް ކުރާނެ ފައިސާ ޖަޔަލަކްޝްމީ އަތަކު ނެތެވެ. އެހެންވެ އެހެން މީހަކު ވަނީ ޓިކެޓާއި ދަތުރުފަތުރުގެ ޚަރަދުތަކުގައި ހިފާފަ އެވެ.

ކިޔަވާ ކުއްޖަކަށް ވާތީ އާމްދަނީ ހޯދަން ޖަޔަލަކްޝްމީ ކުރާ ކަމަކީ ގްރޭޑް 8 އަދި 9 ގެ ދަރިވަރުންނަށް ޓިއުޝަން ދިނުމެވެ. އެއާއެކު ކެޝޫނަޓް ވިއްކުމަކީ ވެސް އިތުރު ވަގުތު އޭނާ ކުރާ ކަމެކެވެ.

މުބާރާތުގައި ބައިވެރިވި ހުރިހާ އެންމެންގެ ތެރެއިން ޖަޔަލަކްޝްމީ އަކީ ނާސާ އަށް ފުލް ޓުއާ އެއް ލިބުމާއެކު އެސްޓްރޮނޯޓުންނާ ސީދާ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިފައިވާ މަދު މީހުންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. އަދި ޑިޒްނީ ވޯލްޑަށް ދިއުމުގެ ފުރުސަތު ވެސް މި މުބާރާތުން ވަނަތައް ހޯދި ފަރާތްތަކަށް ލިބިފައި ވެއެވެ.

ގޯފޯގްރޫގެ މި މުބާރާތުގެ ވާހަކަ ޖަޔަލަކްޝްމީއަށް އެނގުނީ އިއްތިފާގަކުންނެވެ. އޭނާ ކެރަމް މެޗެއް ޕްރެކްޓިސް ކުރަނިކޮށް ކެރަމްބޯޑު ކައިރީގައި އޮތް ނޫސް ކަރުދާސްގަނޑަކަށް އޭނާގެ ސަމާލުކަން ދިޔައީ އެވެ. އޭގައި ދަންޔާ ތަސްނީމް ކިޔާ ކުއްޖެއްގެ ވާހަކަ ލިޔެފައި އޮތެވެ. އެއީ މިދިޔަ އަހަރު ނާސާއަށް ދިއުމުގެ ފުރުސަތު ލިބުނު ކުއްޖެކެވެ.

ޖަޔަލަކްޝްމީ މި ޚަބަރު ކިޔާފައި ނާސާއަށް ދިއުމުގެ ޝައުގުވެރިކަން ބޮޑުވެ ގެއަށް ގޮސް އަވަހަށް މި މުބާރާތުގައި ބައިވެރިވުމަށް ހަދަން ޖެހޭ އިމްތިހާނުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވީ އެވެ.

ޖަޔަލަކްޝްމީ އަކީ ކިޔެވުމަށް ވަރަށް މޮޅު ކުއްޖަކަށް ވާތީ އޭނާ މިހާތަނަށް ވެސް ކިޔަވާފައިވަނީ ސްކޮލަޝިޕްތައް ލިބިގެން އެ ސްކޮލަޝިޕްތަކުންނެވެ. އެހެންވެ ކުޑަ ދުވަސްކޮޅެއް ތެރޭގައި މުބާރާތަށް ފަރިތަކޮށް ކާމިޔާބު ހޯދުނީ އެވެ.

ނާސާގެ ދަތުރަށް އިންޑިއާގެ 1.75 ލައްކަ ރުޕީސް ޚަރަދު ވެއެވެ. އެހެންވެ ސްކޫލްގެ ޓީޗަރުންނާއި ދަރިވަރުން ލާރިއެއްކޮށްގެން ފުރަތަމަ ކުރި ކަމަކީ ޖަޔަލަކްޝްމީގެ ޕާސްޕޯޓް ހެދުމެވެ. ޕާސްޕޯޓް އޮފިސަރު ވެސް ޖަޔަލަކްޝްމީ އަށް 500 ރުޕީސްގެ ހަދިޔާއެއް ދިނެވެ.

ނާސާއަށް ދިއުމުގެ ފުރުސަތު ލިބުނަސް އަދި ވަރަށް ގިނަ އަދަދެއްގެ ފައިސާ ލިބިގެން ނޫނީ ޖަޔަލަކްޝްމީ އަކަށް އެމެރިކާއަކަށް ދަތުރެއް ނުކުރެވޭނެ އެވެ. ނަމަވެސް މިހާރުވެސް އޭނާގެ އުންމީދުތައް ހުރީ ހަތްވަނަ އުޑާ ހިސާބުގަ އެވެ.

"އަހަރެން ބޭނުންވަނީ އަބްދުލް ކަލާމް ހެއްދެވި ކަހަލަ ރޮކެޓެއް ހަދަން. ސަރުކާރުގެ އެއްވެސް ސްކޫލެއްގެ އެއްވެސް ކުއްޖަކަށް މިހާތަނަށް މި ފުރުސަތު ލިބިފައެއް ނެތް. އެހެންވެ ހުރިހާ ކުދިންނަށް ވެސް މިފަދަ މުބާރާތްތަކުގައި ބައިވެރިވެ ކާމިޔާބީތައް ހޯދަން ހިތްވަރުދޭން އަހަރެން ބޭނުން. އަހަންނަށް ކުރެވެންޏާ އެހެން ކުދިންނަށް ވެސް ކުރެވޭނެ،" ޖަޔަލަކްޝްމީ ބުންޏެވެ.