އިންޑިޔާ އަތުން 3-0 އިން މިއަދު ހަވީރު ބަލިވެ، ސާފް ޗެމްޕިއަންޝިޕް 19 އަހަރުން ފުޓްބޯޅަ މުބާރާތުން ރާއްޖެ މިއަދު ކަޓައިފި އެވެ.
މުބާރާތުގެ ފައިނަލް ކުޅެން އުއްމީދުކުރި ރާއްޖެ ކެޓީ ކުޅުނު ދެ މެޗުން ވެސް ބަލިވެގެންނެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހުކުރު ދުވަހު ބަލިވީ އަފްގާނިސްތާން އަތުން 3-1 އިންނެވެ.
ސާކުގެ އަށް ގައުމުގެ ތެރެއިން ހަ ގައުމު ބައިވެރި ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ރާއްޖެ ބަލިވުމުން ގްރޫޕް ބީން ސެމީ އަށް ދިޔައީ އިންޑިޔާ އާއި އަފްގާނިސްތާނެވެ.
ސެމީ ފައިނަލުގައި އިންޑިޔާ ކުޅޭނީ ގްރޫޕް ބީން ސެމީން ޖާގަ ހޯދި ބަނގްލަދޭޝްއާ އެވެ. އަފްގާނިސްތާން ކުޅޭނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާ އެވެ.
މި މުބާރާތަށް ފުރުމުގެ ކުރިން ރާއްޖޭގެ ކޯޗު މުހައްމަދު އާތިފް ބުނީ ރާއްޖޭގެ ޓީމަކީ ފައިނަލަށް ދެވޭވަރުގެ ޓީމެއް ކަމަށާއި ގްރޫޕާމެދު ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް ފުރަތަމަ މެޗުން ބަލިވުމުގެ މައިގަނޑު ސަބަބެއް ކަމަށް އޭނާ ފާހަގަ ކުރީ އަފްގާނިސްތާން ކުޅުންތެރިން އިސްކޮޅުން ދިގުވުމުން އޭގެ ޑިސްއެޑްވާންޓޭޖް ރާއްޖެ އަށް ކުރިމަތިވުމެވެ.