ހަބަރު

ހައްމާދަށް ހަމަލާދިން މީހާގެ ބަންދަށް އަނެއްކާވެސް 10 ދުވަސް

ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސްމާއިލް އާސިފްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އަނެއްކާވެސް އިތުރުކޮށްފި އެވެ.

އާސިފްގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވަނީ އިއްޔެ އެވެ. ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށެވެ.

މީގެ އިތުރުން އާސިފަކީ، ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުންދާ މީހެއްކަމަށް ބުނާތީވެ ޑޮކްޓަރެއްގެ އެހީތެރިކަމާއެކު އެކަން ބެލުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ހައްމާދަށް ހަމަލާދީފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާ އަށް ހަމަލާދީފައިވަނީ ދީނީ ހިޔާލުތަފާތުވެ ވެވުނު ދެބަސްވުމެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެ އެވެ. އޭނާ އަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި އާސިފް ހައްޔަރު ކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އާސިފް އަކީ ވެސް މަޑުއްވަރީ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މީހެކެވެ.

މި މައްސަލާގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވީ ހައްމާދަށް ހަމަލާދިން ހަތިޔާރު ކަނޑުގެ އަޑިން ހޯދާފައިވާ ކަމަށާއި ހައްމާދަށް ހަމަލާދިނީ އާސިފް އެކަނި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އަދި މިކަމަށް އޭނާ މުއްދަތު މަޖިލީހުގައި އެއްބަސްވެސް ވެފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

ހައްމާދަށް ފަރުވާދިނުމަށްފަހު މިހާރު ވަނީ 13 އަހަރުގެ އަންހެން ކުއްޖެއް ރޭޕް ކުރި ކަމުގެ ކުށުގައި ބަންދުކޮށްފަ އެވެ.