ރިޕޯޓް

މާ ގިނައިން ސެލްފީ ނެގެނީތަ؟

Jan 5, 2015

އެހެން ކަމުގައިވާ ނަމަ ކޮންމެވެސް ކަހަލަ ނުބައެއް ތީގައި އެބަ އުޅެ އެވެ. ތިކަން ފަހަރެއްގައި ނަފުސާނީ މައްސަލައަކަށް ވެސް ވެދާނެ އެވެ.

ހިތްހަމަޖައްސާލެވޭ ވަރުގެ ސެލްފީއެއް ނުނެގިގެން އިނގިރޭސި ވިލާތުގައި، ފުރާވަރުގެ ފިރިހެން ކުއްޖަކު ބޯގޮވައިގެން އަމިއްލަ އަށް މަރުވާން އުޅުނު ޚަބަރެއްގެ ވާހަކަ އަޑު އެއްސެވިންތޯ އެވެ. ކުޑަކޮށް އެ ވާހަކަ ކިޔާލަ ދީފާނަމެވެ.

އެއީ 2013 ވަނަ އަހަރެވެ. އުމުރުން 19 އަހަރުގެ ޑެނީ ބޯމަން އަކީ މޮޑެލްއަކަށް ވުމުގެ ފޮނި ހުވަފެން ދެކެމުން ދިޔަ ކުއްޖެކެވެ. ސެލްފީ ނެގުމުގެ އާދަ އޭނާގެ ކިބައިގައި އަށަގަތީ އުމުރުން ގާތްގަނޑަކަށް 15 އަހަރުގަ އެވެ. އެއީ ފޭސްބުކްގައި އޭނާ ޝާއިއުކުރި އޭނާގެ ފޮޓޯގަނޑަކަށް ބަޔަކު މީހުން މަލާމާތްކުރި ހިސާބުންނެވެ.

ޕްރޮފެޝަނަލް މޮޑެލްއަކަށް ވުމުގެ ހުވަފެން ދެކެމުން ދިޔަ ބޯމަންގެ ހިތް ހަލާކުކޮށްލީ މޮޑެލް އަކަށް ވުމުގެ ޝަރުތު އޭނާގެ ކިބައިގައި ނެތް ކަމަށް ބުނެ ފޮޓޯއަކަށް ކޮމެންޓްކުރި ބަޔަކާ ޖެހިގެންނެވެ.

ދެން އޭނާ ބޭނުންވީ އެއަށް ވުރެ ރީތި، އެއަށް ވުރެ މޮޅު ފޮޓޯއެއް ނަގާށެވެ.

އޭރު، ސްކޫލަށް ދިއުމުގެ ތައްޔާރީގައި އުޅެމުން ވެސް އޭނާ ގާތްގަނޑަކަށް 80އެއްހާ ސެލްފީ ފޯނުން ނަގަ އެވެ. އެންމެފަހުން އޭނާ ސްކޫލަށް ދިއުން ވެސް ހުއްޓާލީ އެވެ. ގޭގައި މަޑުކޮށްލީ އެވެ. ހިތްހަމަޖެހޭ ވަރުގެ ސެލްފީތަކެއް ނެގެންދެން އެވެ. 

ނަމަވެސް އައިފޯނުން ދުވާލަކަށް 200އެއްހާ ސެލްފީ ނަގައިގެން ވެސް އޭނާގެ ހިތެއް ނުފުރުނެވެ. 

"އަހަރެން ބޭނުންވީ ޕާފެކްޓް ސެލްފީއެއް ނަގަން. އެންމެފަހުން އެކަން ނުކުރެވޭނެކަން އެނގުނު ހިސާބުން އަހަރެން ބޭނުންވީ މަރުވާން. އެކުވެރިން ގެއްލުނީ. ތައުލީމީ ހަޔާތް ގެއްލުނީ. ސިއްހީ މައްސަލަތަކެއް ކުރިމަތިވެ ފުރާނަ ވެސް ކިރިޔާ ނު ގެއްލުނީ،" އިންޓަވިއުއެއްގައި ބޯމަން ބުނެފައިވެ އެވެ.

އެންމެފަހުން ބެލިއިރު އޭނާ އަށް ވަނީ ބޮޑީ ޑައިސްމޯފިކް ޑީސްއޯޑާ ނުވަތަ ބީޑީޑީގެ ނުރައްކަލަށް ހުށަހެޅިފަ އެވެ. މިއީ އަމިއްލަ ނަފުސުގައި އެއްވެސް އަގެއް ނެތް ކަމާއި އަމިއްލަ މީހާގެ ސިފަ ފުރިހަމަ ނޫން ކަމަށް ގަބޫލުކުރެވޭ ނަފްސާނީ މައްސަލަގަނޑެކެވެ. މި ބަލި ހުންނަ މީހުން ބޭނުންވާނީ ވީހާ ވެސް ފުރިހަމަކޮށް ހުރުމަށެވެ. ނަމަވެސް ފެންނަ ސިފައާ މެދު އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭނެ އެވެ.

މި ސަބަބާ ހެދި ބޭނުންވާ އިތުރަށް ރީތިވާށެވެ. ނުވަތަ މޭކަޕްކޮށް ސިފަ ބަދަލުކުރަން ވެސް ބޭނުންވެދާނެ އެވެ.

މީގެ އިތުރުން އޮބްސެސިވް ކޮމްޕްލެކްސް ޑިސްއޯޑާ އަށް ވެސް 19 އަހަރުގެ ބޯމަން ޑައިގްނޯސްކުރި އެވެ. އެއީ އެއްކަމެއް ތަކުރާރުކޮށް ކުރުމުގެ އާދަ ދޫކޮށްނުލެވޭ ނުލެވުމެވެ. މިސާލަކަށް ސެލްފީއެއް ނަގާއިރު އިސްތަށިގަނޑު އޮންނަ ގޮތަމާ މެދު ހިތްހަމަނުޖެހެނީ އެވެ. ދެން އަނެއްކާވެސް އިސްތަށިގަނޑު ރީތިކުރަނީ އެވެ. ހިތްހަމަނުޖެހިގެން އެ ސިލްސިލާ އެގޮތަށް ކުރިއަށް ދާ ނަމަ އެކަން އެ ވަނީ ނަފްސާނީ ބައްޔަކަށެވެ.

ސެލްފީ ނެގުމަށް ބޯމަން ދެވިހިފުމުން އެނގުނީ އޭނާގެ ކިބައިގައި މިފަދަ ނަފުސާނީ ބަލިތަކެއް ހުރި ކަމެވެ.

ތަޖުރިބާކާރުން ބުނަނީ ބޯމަން އަށް ދިމާވީ "އެކްސްޓްރީމް ކޭސް" އެއް ކަމަށް ވިޔަސް ސެލްފީ ނެގުމަށް އާދަވެފައިވާ ނަމަ އެއީ ސީރިއަސްކޮށް ވިސްނަން ޖެހޭ މައްސަލައެއް ކަމަށެވެ.

މިއީ ސްމާޓްފޯނާއި ޓެކްނޮލޮޖީގެ ޒަމާނެވެ. ސެލްފީއަކުން ނޫނީ މޯނިން ކަނޑާނުލެވޭ އަދި ސެލްފީއަކުން ނޫނީ "ގުޑް ނައިޓް" ކިޔާނުލެވޭ ވަރުގެ "ކޮމްޕްލިކޭޓެޑް" ޒަމާނެކެވެ.

ބައެއް މީހުން އެމީހުންގެ ސްމާޓްފޯނު ހާއްސަކޮށްފައި ވަނީ ސީދާ ސެލްފީ ނެގުމަށެވެ.

ތަޖުރިބާކާރުން ބުނަނީ މިގޮތަށް ނަގާ ސެލްފީތަކާއި އަމިއްލަ ފޯޓޯތައް ސޯޝަލް މީޑީއާގައި އެހެން މީހުންނާ ހިއްސާކުރުމަކީ ވެސް ނަފްސާނީ ގޮތުން ބަލިކަށި މީހުންނަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިކުރުވަފާނެ ކަމެއް ކަމަށެވެ. މިސާލަކަށް އާންމުކުރެވޭ ފޮޓޯއަކާ ގުޅިގެން ބަޔަކު މީހުން ފުރައްސާރަ އާއި މަލާމާތް ރައްދުވެ، ބަދުނާމުވެއްޖެ ނަމަ، ނަފުސާނީ ގޮތުން ބަލިކަށި މީހާ އަމިއްލަ އަށް މަރުވާ ހިސާބަށް ވެސް މައްސަލަ ގޮސްފާނެ އެވެ.

ބޯމަން އަށް ދިމާވި ނަފުސާނީ މައްސަލަތަކުގެ އަސްލު ވެސް ގުޅިފައި ވަނީ އޭނާ ފޭސްބުކްގައި އާންމުކުރި ފޮޓޯއަކަށް އަމާޒުވި ފާޑުކިޔުންތަކަކާ އެވެ. ކޮންމެ މީހަކީ އިސްމާއިލް ވަޖީހާއި މޫސަ އަންވަރުހާ ނަފްސާނީ ގޮތުން ވަރުގަދަ ބައެއް ނޫނެވެ.

އެހެންވީމަ ސެލްފީ އާއި ސޯޝަލް މީޑިއާއާ މެދު މިހާރަށް ވުރެ ސަމާލުވާން އެބަޖެހެ އެވެ. ޓެކްނޮލޮޖީއާ އެކު ތަރައްގީވިޔަސް އެއާ އެކު ސިކުނޑި ހަމަނުޖެހޭ މީހަކަށް ބަދަލުވެ ފުރާނަ ދުއްވާލާ ހިސާބަށް މައްސަލަ ގެންގޮސްގެން ނުވާނެ އެވެ.